25 އޮކްޓޯބަރ 2016 - 13:09

މިލާން (އޮކްޓޯބަރު 25) - އިންޓަ މިލާނުގެ ކޯޗު ފްރޭންކް ޑި ބޮއާ އަށް ފަހު ފުރުސަތު ދީފައިވާއިރު އެ ކްލަބުގެ އުއްމީދަކީ އަންނަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ގެނައުމެވެ.
ޑި ބޮއާގެ ކޯޗުކަމުގެ ދަށުން އިންޓަ ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ. ސީޒަން ފެށެން އުޅެނިކޮށް ރޮބާޓޯ މަންޗިނީ އިސްތިއުފާ ދިނުމުން މަގާމާ ހަވާލުވި ޑި ބޮއާ އަށް ދީފައިވާ ފަހު ފުރުސަތަކީ މާދަމާރޭ ޓޮރިނޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
އިންޓަގެ ވިސްނުން ހުރީ އަޔަކްސްގެ ކުރީގެ ކޯޗު ޑި ބޮއާ ވަކިކުރުމަށް ފަހު ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗެއް ގެންނާށެވެ. ޝޯޓްލިސްޓްކޮށްފައިވާ ކޯޗުންގެ ތެރޭގައި އެ ޓީމުގެ ކުރީގެ ކޯޗު ލިއޮނާޑޯ އާއި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަންދްރޭ މަންޑޯލިނީ އަދި ލާޒިއޯގެ ކުރީގެ ކޯޗު ސްޓެފާނޯ ޕިއޯލީ ހިމެނެ އެވެ. މީގެ އިތުރުން ޕީއެސްޖީގެ ކުރީގެ ކޯޗު ލޯރެން ބްލޮންކަކީ ވެސް އިންޓަ އިން ޝައުގުވެރިވާ ކޯޗެކެވެ.
ވަގުތީ ކޯޗެއް ގެނައުމަށް ފަހު އެ ކްލަބުން ބޭނުންވަނީ އަންނަ ސީޒަނުގައި ސިމިއޯނީ ނުވަތަ އާޖެންޓީނާގެ މާސެލޯ ބީސްލާ ގެނައުމަށެވެ. އިންޓަގެ ކުރީގެ މިޑްފީލްޑަރު ސިމިއޯނީ ވަނީ އިންޓަ އަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެތުލެޓިކޯއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން ވަނީ ކުރުކޮށް އެ ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ސިމިއޯނީ ވަނީ ދީފަ އެވެ.
ޗައިނާގެ ސުންނިން ގްރޫޕުން ހިންގާ އިންޓަ އިން އާ ސީޒަނަށް މަޝްހޫރު ކުޅުންތެރިން ގެނައި ނަމަވެސް އެ ޓީމަށް އެދެވޭ ނަތީޖާއެއް ނުނެރެވެ އެވެ. ޓީމު އޮތީ 11 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.