18 އޯގަސްޓް 2020 - 06:47

އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަންޒަރުތަކެއް ތުރުކީގައި ނަގަން ނިންމާފައިވާތީ އެ ގައުމަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންގެ އަނބިކަނބަލުން އެމީން އުރުދުއާން ބައްދަލުކުރުމުން ޓްވިޓާގައި އިންޑިއާގެ ބައެއް ފޭނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އާމިރާ އެކު ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކުރައްވަމުން އެމީން ވިދާޅުވީ އިސްތަންބޫލްގައި އާމިރާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި "ލާލް ސިންގް ޗައްޑާ" ގެ މަންޒަރުތަކެއް އެ ގައުމުގައި ނާގާތީ ވެސް ވަރަށް އުފާކުރައްވާ ކަމަށެވެ.
ފިލްމުގެ މަންޒަރުތަކެއް ނަގާނެ ލޮކޭޝަން ހޯދުމަށް އާމިރު ތުރުކީ އަށް ދިޔައީ މި މަހުގެ 8 ގަ އެވެ.
އޭނާ ފަސްޓްލޭޑީ ބައްދަލުކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި މީހުން ބުނެފައި ވަނީ ތުރުކީ އަކީ ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނު ކޮޅުގައި އޮތް ގައުމެއް ކަމަށާއި އެއީ މުސްލިމުންނަށް ވާގިދޭ ބައެއް ކަމަށެވެ. އަދި އާމިރަކީ ވެސް މުސްލިމުންގެ ފަޅީގައި ހުރި މީހެއް ކަމަށާއި އަމިއްލަ އުފަން ގައުމަށް ވުރެ ބޮޑަށް އާމިރު ފަދަ ތަރިންނަކީ ތުރުކީ ފަދަ ގައުމުތަކުގެ މަސްލަހަތަށް ބުރަވާ ފަންނާނުން ކަމަށް ބުނެފައިވެ އެވެ.
ބައެއް މީހުން ވަނީ އާމިރަކީ އިންޑިއާގެ ހިންދޫންނާ ދެކޮޅު މީހެއްކަން ތަހުގީގެއް ހިންގައިފި ނަމަ ސާބިތުވާނެ ކަމަށް ބުނެ އެކަން ކުރަން ޖެހިފައިވާ ކަމަށް ވެސް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލޮކޭޝަން ހޯދުމުގެ މަސައްކަތް ނިންމައިލުމަށް ފަހު، އާމިރު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ވަރަށް އަވަހަށް ތުރުކީގައި ފަށާނެ އެވެ. ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރް މިހާރު ދެވަނަ ދަރިއަކަށް ބަލިވެއިނުމާ ގުޅިގެން އޭނާ ވެސް ވަނީ ފިލްމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިމޭނެ ގޮތަކަށް ކަންކަން ރާވައިދޭން އެދިފަ އެވެ.
އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ "ލާލް ސިންގް ޗައްޑާ" އަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.