17 އޯގަސްޓް 2020 - 10:38

ލަންޑަން (އޮގަސްޓް 17) - މިދިޔަ އަހަރު ފްރާންސްގެ ލިލް ދޫކޮށް އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެ ކްލަބަށް ބަދަލުވި ނިކޮލަސް ޕެޕޭގެ ޓްރާންސްފާގެ ކަންތައްތައް ދިޔަ ގޮތް އާސެނަލުން ތަހުގީގުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އާސެނަލުން ރަސްމީކޮށް އެކަން މީޑިއާގައި ހާމަކޮށްފައިނުވި ނަމަވެސް އެ ކްލަބްގެ ގާތްފަރާތްތަކާ ހަވާލާދީ އިނގިރޭސި އަދި ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އާސެނަލުން ވަނީ ދާދި ފަހުން ޕެޕޭގެ ޑީލާ ގުޅޭ ކަންތައްތަކެއްގެ މައްސަލަ ތަހުގީގުކޮށްފަ އެވެ.
އާސެނަލުން މިދިޔަ ސީޒަނުގައި އުމުރުން 25 އަހަރުގެ ޕެޕޭ ގެންނަން އެއްބަސްވީ 72 މިލިއަން ޕައުންޑް އަށެވެ. ޕެޕޭ ގެންނަން އެންމެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި އާސެނަލުން ދެއްކީ 20 މިލިއަން ޕައުންޑެވެ. ބާކީ ފައިސާ ބަހާލީ ފަސް އިންސްޓޯލްމަންޓަކަށް އަހަރަކު ވަކިވަރެއް ދައްކާ ގޮތަށެވެ. މިއީ ބޮޑު ފުޓްބޯޅަ ކްލަބަކުން މިހާ ދިގު މުއްދަތަކަށް އެއް ކުޅުންތެރިއެއްގެ ޓްރާންސްފާ ފީ ބަހާލި ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާގޮތުން ޕެޕޭގެ ޓްރާންސްފާގެ ކަންތައްތައް ތަހުގީގުކުރަން އާސެނަލް ބޯޑުން ގޮވާލީ އެ ކްލަބުން މިހާރު ލިލް އަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ގަންނަން މަސައްކަތް ފެށުމާ އެކު ލިލް އިން ފާހަގަކުރި ކަމަކާ ގުޅިގެންނެވެ. ފްރާންސްގެ ރިޕޯޓްތައް ބުނާގޮތުން ލިލް އިން ފާހަަގަކުރި ގޮތުގައި ޕެޕޭގެ ޓްރާންސްފާގެ ޕޭމަންޓް ދައްކަމުންދާ ދަނޑިވަޅެއްގައި އާސެނަލުން ލިލް އަށް ކުޅޭ އިތުރު ކުޅުންތެރިއެއް ގަންނަނަމަ އިތުރު ފައިސާ ދައްކަން ޖެހޭ ގޮތަށް ހިމަނައިފައިވެ އެވެ. އެކަމަކު އާސެނަލުން އެކަން ދޮގުކުރެ އެވެ.
އާސެނަލުން ޕެޕޭ އަށް އެކަށީގެންވާ އަގަށް ވުރެން ބޮޑު އަގެއް ދީފައިވާ ކަމަށް ވެސް އެ ކްލަބުގެ ބައެއް ބޯޑު މެމްބަރުންނަށް ގަބޫލުކުރެވެ އެވެ. މި މައްސަލަ ތެރޭގައި އާސެނަލްގެ ހެޑް އޮފް ފުޓްބޯލް ރައުލް ސަނޭލީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ސަނޭލީ އެ މަގާމަށް ގެނައީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕެޕޭގެ ޓްރާންސްފާގެ ކަންތައްތަކުގެ ތެރޭގައި ސަނޭލީ އުސޫލުން ބޭރުން ކަމެއް ކުރިކަމަށް ގަބޫލުނުކުރެވޭ ކަމަށް ލިލްގެ ރައީސް ޖެރާޑް ލޮޕޭޒް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕެޕޭ ޑީލު ތެރެއިން ލޮޕޭޒާއި ސަނޭލީ އަށް މާލީ ގޮތުން ފައިދާތަކެއް ކުރި އެވެ.
ޕެޕޭ ވަނީ ފުރަތަމަ ސީޒަނުގައި އާސެނަލަށް އަށް ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޕެޕޭ ގަތީ އާސެނަލްގެ ކޯޗުކަމުގައި އުނާއި އެމެރީ ހުރިއިރު އެވެ. އެކަމަކު މިހާރު ވިޔަރެއާލްއާ ހަވާލުވެ ހުރި އެމެރީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ޕެޕޭ ގަތުމަކީ މުޅި އެއްކޮށް އޭނާގެ ނިންމުމެއް ނޫން ކަމަށާއި އޭނާ ބޮޑަށް ގެންނަން ބޭނުންވީ ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރިއެޑް ޒަހާ ކަމަށެވެ.
ޓްރާންސްފާ މާކެޓްގައި އާސެނަލުން މިހާރު ޑީލްތައް ކުރިއަށްގެންދަނީ އެ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކުޅުންތެރިޔާ އެޑޫ އާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މަޝްވަރާކުރުމަށް ފަހު އެވެ. އާސެނަލުން ވަނީ ދާދި ފަހުން ހިލޭ ޓްރާންސްފާއެއްގައި ބްރެޒިލްގެ ވިލިއަންގެ ސޮއި ހޯދައިފަ އެވެ.