17 އޯގަސްޓް 2020 - 10:35

ނިއު ދިއްލީ (އޮގަސްޓް 17) - އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ބައިނަލްއަގްވާމީ ކްރިކެޓް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާ ބޭނުންކުރަމުން އައި އިންޑިއާ ގައުމީ ޓީމުގެ ހަތް ނަމްބަރު ޖޯޒީ ވެސް ރިޓަޔާކުރަން ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން ގޮވާލައިފި އެވެ.

އިންޑިއާގެ ލިމިޓެޑް އޯވާ ކްރިކެޓް ދެ ޓީމުގެ ކެޕްޓަންގެ ޒިންމާ 10 އަހަރު ނެގި ދޯނީ ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ އަށް 2007 ވަނަ އަހަރުގެ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕް އަދި 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިތުރުން ދޯނީ ވަނީ ކެޕްޓަނެއްގެ ހައިސިއްޔަތުން އިންޑިއާ އަށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ވެސް ކާމިޔާބުކޮށްދީފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަނަށެވެ. އަދި އޭނާ އަކީ ކެޕްޓަނެއްގެ ގޮތުން އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.
އުމުރުން 39 އަހަރުގެ ބެޓްސްމަން އަދި ވިކެޓްކީޕަރު ކުއްލިގޮތަކަށް ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރިކަން އިއުލާނުކުރި ނަމަވެސް ކްލަބް ލެވެލްގައި ކުޅުމާ މެދު ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު އިންޑިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކަށަވަރުވުމާ އެކު ގިނަ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިން އެދެނީ ދޯނީ ބޭނުންކުރަމުން އައި ހަތް ނަމްބަރު ޖޯޒީ ދެން އެހެން ކުޅުންތެރިއަކު ބޭނުންނުކޮށް ދޯނީ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ޖޯޒީ ރިޓަޔާކުރުމަށެވެ.
ދޯނީގެ ޖޯޒީ ރިޓަޔާކުރަން އެންމެ ފުރަތަމަ ގޮވާލީ އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ދިނޭޝް ކާތިކް އާއި މުހައްމަދު ކައިފް އެވެ. ކާތިކް ބުނީ އިންޑިއަން ކްރިކެޓް ބޯޑް (ބީސީސީއައި) އިން ދޯނީގެ ހަތް ނަމްބަރު ޖޯޒީ ރިޓަޔާކުރިކަން އިއުލާނުކުރުން މުހިއްމު ކަމަށެވެ. ކައިފް ބުނީ ދޯނީ ނޫން ކުޅުންތެރިއަކުގެ ނަމާ އެކު އިންޑިއާގެ ގައުމީ ޓީމުގެ ހަތް ނަމްބަރު ޖޯޒީ ފެނުން ވާނީ ބަލާލުން އުނދަގޫ ކަމަކަށް ކަމަށެވެ.
ކާތިކްގެ މި ވާހަކަ އަށް ގިނަ ކުޅުންތެރިންތަކެއްގެ ރުހުން ލިބިގެންދިޔައިރު، ގިނަ ސަޕޯޓަރުން ވެސް އަންނަނީ ދޯނީ އަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން އޭނާގެ ޖޯޒީ ނަމްބަރު ރިޓަޔާކުރަން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ. އެ ގޮތުން މިހާރު ސޯޝަލް މީޑިއާގައި ވަނީ ދޯނީގެ ނަމްބަރު ރިޓަޔާކުރަން ގޮވާލާ ހޭޝްޓެކް ވައިރަލް ވެފަ އެވެ.
ކުޅުންތެރިން ކުޅޭ ޖޯޒީ ނަމްބަރު ރިޓަޔާކުރުމުގައި އަމަލުކުރާނެ ގޮތެއް ބީސީސީއައި އިން ކަނޑައަޅާފައެއް ނޯވެ އެވެ. އެކަމަކު ބީސީސީއައި އިން ވަނީ އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާގެ 10 ނަމްބަރު ޖޯޒީ ބޭނުންކުރުން ހުއްޓާލައިފަ އެވެ.
އެންމެ ފުރަތަމަ 2004 ވަނަ އަހަރު އިންޑިއާ ގައުމީ ޓީމުން ފުރުސަތު ހޯދި ދޯނީގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ވަގުތުކޮޅަކީ 2011 ވަނަ އަމިއްލަ ގައުމުގައި ބޭއްވި 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗެވެ. އެ މެޗުން ސްރީ ލަންކާ އަތުން އިންޑިއާ މޮޅުވީ ދޯނީ ހަޔަކަށް ޖެހި ބޯޅައާ އެކު އެވެ. ދޯނީ ވަނީ 2014 ވަނަ އަހަރު ޓެސްޓް ކްރިކެޓް ކުޅުން ހުއްޓާލައިފަ އެވެ. އަދި މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ނިއު ޒީލެންޑް އަތުން އިންޑިއާ ބަލިވި ފަހުން އެ ޓީމަށް ވެސް ކުޅެފައެއް ނުވެ އެވެ.