26 އޮކްޓޯބަރ 2016 - 05:48

ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތާ އެކު ފިލްމުކުޅުމުގެ ޝައުގުވެރިކަން "އެމް.އެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ"ގެ ކާމިޔާބާއެކު ބޮލީވުޑްގެ އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ފާޅުކޮށްފި އެވެ.
ސުޝާންތު ދެކޭ ގޮތުގައި ކަންގަނާ އަކީ ވަރަށް ފުރިހަމަ ބަތަލާއެކެވެ. ނަމަވެސް ސުޝާންތު ބުނީ އޭނާގެ ފޭވަރިޓް ބަތަލާއަކީ އަނުޝްކާ ޝަރުމާ ކަމަށެވެ.
އަނުޝްކާއާ އެކު "ޕީކޭ" ގައި މަސައްކަތްކޮށްފައިވާ ސުޝާންތު ބުނީ އަނުޝްކާ އަކީ ވަރަށް ފަސޭހަކަމާ އެކު އެކި ރޯލުތައް ކުޅެލާ އެކްޓަރެއް ކަމަށާއި އޭނާއާ އެކު ފިލްމު ކުޅުމަކީ ވަރަށް މަޖާކަމެއް ކަމަށެވެ.
ސުޝާންތު މިހާރު މަސައްކަތްކުރަމުން ދަނީ ކްރީތީ ސަނަންއާ އެކު ކުޅޭ "ރާބްތާ" ގަ އެވެ. އަދި ޕަރީނީތީ ޗޯޕްރާއާއެކު ކުޅޭ "ތަކާދުމް" ގެ ޝޫޓިން ވެސް އޭނާ މިހާރު ވަނީ ފަށާފަ އެވެ.
ސުޝާންތުގެ އެންމެ ފަހުން ރިލީޒްވި "އެމް.އެސް ދޯނީ" 200 ކްރޯޑު (2000 މިލިއަން ރުޕީޒް)އަށް ވުރެ ގިނައިން ހޯދާފައިވެ އެވެ. އެއާ އެކު ސަލްމާން ޚާންގެ "ސުލްތާން" ފިޔަވައި މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ލިބުނު ފިލްމު މަގާމުވެސް "އެމް.އެސް ދޯނީ" ވަނީ ހޯދާފަ އެވެ.