18 އޯގަސްޓް 2020 - 06:49

ބޮލީވުޑްގެ މައްސަލަ ބޮޑު އެކްޓަރު ސަލްމާން ޚާނާ ދެކޮޅަށް ޓްވިޓާގައި ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭނު ފެށިފައިވަނީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މިދިޔަ މަހު މަރުވުމާ އެކު ސަލްމާނަށް އަމާޒުވި ފާޑުކިޔުންތަކާ އެކުގަ އެވެ. ސުޝާންތުގެ ފޭނުން ގަބޫލުކުރާ ގޮތުގައި އެ މަރުގެ ޒިންމާ ނަގަން ޖެހޭ ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ސަލްމާން ހިމެނެ އެވެ. މި ކެމްޕޭން ކުރިއަށް ގެންދަނީ #ބޮއިކޮޓްސަލްމާންޚާން އާއި #ފޭކްބީން ހިއުމަން އާއި #ބީންސަލްމާންބޮޓްގެ ނަމުގަ އެވެ.
މީގެ ކުރިން އެކި ތުހުމަތުތައް ކުރެވި ޖަލުގައި ވެސް ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ސަލްމާން މިހާރު އެ އުޅޭ ގޮތަށް މިނިވަންކަމާ އެކު އުޅެނީ އޭނާގެ މަޝްހޫރުކަމާއި ނުފޫޒާ ހެދި ކަމަށް ބުނާ މީހުން ގިނަ އެވެ.
އޭނާއާ ދެކޮޅަށް މިހާރު ދައުރުވަމުންދާ ޓްވީޓްތަކުގައި ސަލްމާންގެ މައްޗަށް ކުރެވޭ ބޮޑެތި ބައެއް މައްސަލަތައް ލިސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މައިގަނޑު ނުވަ ކަމެއް ފާގަކޮށްފައިވެ އެވެ.
1. ހަތިޔާރު ގެންގުޅުނު މައްސަލަ (1998)
2. ހިމާޔަތްކޮށްފައިވާ ބްލެކްބަކް ޝިކާރަކުރި މައްސަލަ (1998)
3. ޗިންކާރާ ޝިކާރަކުރި މައްސަލަ (1998)
4. މަސްތުވެގެން ހުރި ކާރު ދުއްވައި ބަޔަކު މަރާލި މައްސަލަ (2002)
5. އަންޑަވޯލްޑާ ގުޅުން އޮންނަ ކަމަށް ބުނާ މައްސަލަ (2004)
6. މަސްތުގެ ހާލަތުގައި އައިޝްވާރިޔާ ރާއީ އަށް އަނިޔާކުރި މައްސަލަ (2004)
7. ވިވެކް އޮބެރޯއީ އަށް އިންޒާރު ދިން މައްސަލަ (2004)
8. ޑައިރެކްޓަރު ސުޝާން ގާއީގެ ކަންކަށިމަތީގައި ޖެހި މައްސަލަ (2008)
9. ޓެރަރިސްޓް ޔައުގޫބް މެނަން އަށް ސަޕޯޓްކުރުން (2015)
މި މައްސަލަތަކަށް ބަލާއިރު މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ސަލްމާންގެ މައްޗަށް މިހާތަނަށް ޝަރީއަތް ހިންގާފައިވެ އެވެ. އެގޮތުން 1998 ގައި ފިލްމު "ހަމް ސާތު ސާތު ހޭ" ގެ ޝޫޓްކުރި ދުވަސްވަރު ބްލެކްބަކް ޝިކާރަކުރި މައްސަލަ އަކީ އަދިވެސް މުޅިން އެއްކޮށް ކޮޅެއްގައި ނުޖެހި އޮތް މައްސަލައެކެވެ. އެ މައްސަލާގައި އެންމެ ފަހުން ސަލްމާނަށް ފިޔަވަޅު އެޅީ 2018 ގަ އެވެ. އޭރު އޭނާ ފަސް އަހަރަށް ޖަލަށް ހުކުމްކުރި ނަމަވެސް ޖަލުގައި ބަންދުކުރިތާ ދެ ދުވަހެއް ފަހުން ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވެ އެވެ.
ސަލްމާނާއި އައިޝްވާރިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ކަންތައްތައްވި ގޮތުގެ ވާހަކަ އަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އެކި ފަހަރު މަތިން މަސްތުވެގެން ސަލްމާން އައިޝްވާރިޔާ އަށް އަނިޔާކޮށްފައިވާ ކަމަށް އަޑު އަރާފައިވެ އެވެ. އަދި 2003 ގެ ފިލްމު "ޗަލްތޭ ޗަލްތޭ" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އެއް ފަހަރަކު ސަލްމާން ސެޓަށް ވެސް ހަމަނުޖެހުން ހިންގި މައްސަލާގައި އައިޝްވާރިޔާ އަށް ޖެހުނީ އެ ފިލްމު ވެސް ދޫކޮށްލާށެވެ. އެހެންވެ ޝާހްރުކް ޚާނާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ ރާނީ މުކަރްޖި އެވެ.
ސަލްމާނާ ރުޅިވެ، އައިޝްވާރިއާ ވިވެކާ ގުޅުން ވެސް ވެގެން ދިޔައީ ސަލްމާންގެ ފަރާތުން ބޮޑެތި މައްސަލަތައް ކުރިމަތިވި ކަމަކަށެވެ. އެގޮތުން ވިވެކަށް އެކި ގޮތްގޮތުން އިންޒާރު ދީ ބިރު ދައްކާފައިވެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ވިވެކް އެހާ ކާމިޔާބު އެކްޓަރަކަށް ނުވެވުނީ ވެސް ސަލްމާންގެ ފަރާތުން ކުރިމަތިވި މައްސަލަތަކާ ހެދި އެވެ.
މީގެ އިތުރުން މަސްތުވެގެން ހުރެ ދުއްވި ކާރެއް، މަގެއްގެ މަތީގައި ނިދާފައި ތިބި ބައެއްގެ ގައިގައި ޖެހި ބަޔަކު މަރުވި ހާދިސާ އަކީ ވެސް ސަލްމާނަށް ކުރިމަތިވި ބޮޑު މައްސަލައެވެ. ވަރަށް ރުޅި ގަދަ އަދި ރުޅި ކޮންޓްރޯލް ނުކުރެވޭ ސަލްމާނަކީ އޭނާއާ ދެކޮޅަށް ކިރިޔާ ވެސް އެއްޗެއް ބުނެފި މީހެއް ނަމަ އެ މީހެއްގެ "ދުވަސްދުއްވައިލަން ހިފާ" މީހެއް ކަމަށް އަބަދު ވެސް ގިނަ ބަޔަކު ދެކެ އެވެ.
މީގެ އިތުރުން ކުށްވެރިންނަށް ހިމާޔަތް ހޯދައިދޭން ސަލްމާން ކުރާ މަސައްކަތުގެ ތެރެއިން އެކްޓަރު ސޫރަޖް ޕަންޗޯލީ އަށް ވާގިދޭ މައްސަލަ އަކީ ވެސް ގިނަ ބަޔަކު ރުޅިގަދަވާ ކަމެކެވެ. ސަލްމާން 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނެރުނު ސޫރަޖަކީ 2013 ގައި ބަތަލާ ޖިއާ ޚާން މަރުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވުނު މީހާ އެވެ. އަދި ސޫރަޖް "މިނިވަންވީ" ސަލްންގެ ނުފޫޒުން ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
ސަލްމާނަކީ އަބަދު ވެސް އޭނާގެ ގާތް މީހުންނަށް މޮޅު ގޮތް ހޯދައިދޭން ވަރަށް މަސައްކަތްކުރާ ތަރިއެކެވެ. އެއީ އެންމެން ވެސް ދަންނަ ކަމެކެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ވިވެކްގެ ކެރިއަރު ދުއްވައިލަން މަސައްކަތްކުރުމުގެ އިތުރުން އެހެން ބައެއް ފަންނާނުންގެ ކެރިއަރު ވެސް ހަލާކުކޮށްލަން ސަލްމާން މަސައްކަތްކޮށްފައިވެ އެވެ. އެ ލިސްޓަށް އެންމެ ފަހުން އެރި ނަމަކީ ސުޝާންތެވެ. ޒުވާން އެކްޓަރުގެ މަރާ އެކު ސަލްމާނާ ދެކޮޅަށް ސުޝާންތު ނިސްބަތްވާ ބިހާރުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އޭނާގެ ފިލްމުތައް
އެ ސްޓޭޓްގައި ދައްކަން ހުރަސް އަޅާނެ ކަމުގެ އިންޒާރާއި ސަލްމާނާ ދެކޮޅު ލަވަތައް ހަދައިގެން އެ ޖެހުމަކީ ވެސް މިހާރު އާންކުމަކެވެ.
ސަލްމާން ކެރިއަރު ހަލާކުކޮށްލަން މަސައްކަތްކުރި ކަމުގެ ތުހުމަތުކުރެވޭ ފަންނާނުންގެ ތެރޭގައި ކުރިން ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ވެސް ހިމެނެ އެވެ. އެ ވާހަކަ ދާދި ފަހުން ލަވަކިޔުންތެރިޔާ ސޯނޫ ނިގާމް ވެސް ދައްކާފައިވެ އެވެ.
މައްސަލަ ބޮޑު އެކްޓަރެއްގެ ގޮތުގައި ސަލްމާން މަޝްހޫރަސް އޭނާ އަކީ އިންސާނިއްޔަތަށް އެހީވުމުގައި ވެސް ހަމަ އެހާމެ ކުރީގައި އުޅޭ އެކްޓަރެކެވެ. އެގޮތުން ބީންހިއުމަންގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނުން އަބަދު ވެސް އެކި ކަންކަމަށް ހޭދަކުރެ އެވެ. އެކަމަކު ސަލްމާން ދެކޮޅު މީހުން އެކަން ސިފަކުރަނީ އޭނާގެ އަސްލު ސޫރަގައި މަތިއަޅަން ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި އެފަދަ މީހުން ބުނާގޮތުގައި ސަލްމާނަކީ ބޮލީވުޑްގެ އެންމެ ބޮޑު "މާފިއާ" އެވެ.