16 އޯގަސްޓް 2020 - 22:46

އިތުރު 106 މީހަކަށް ކޮވިޑް ޖެހި، އެ ބަލިން އިތުރު 141 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ބުނީ، އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އަށް 106 މީހަކަށް ބަލި ޖެހުނުއިރު އޭގެ ތެރޭގައި 79 ދިވެހިން ހިމެނޭ ކަމަށެވެ. ދެން ޕޮޒިޒިވްވީ ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލް މީހެކެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 5،785 އަށް އަރައިފަ އެވެ.
މާލެއާއެކު ރާއްޖޭގެ 16 ރަށަކުން ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އޭގެ އިތުރުން ނުވަ ރިސޯޓަކުން 13 މުވައްޒަފަކާއި ފަސް ޓޫރިސްޓަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑުން ރަނގަޅުވާ މީހުންގެ އަދަދު މި ދޭތެރެއިން މަދުވި ނަމަވެސް އެ އަދަދު އަނެއްކާ ވެސް މި ވަނީ އިތުރުވާން ފަށައިފަ އެވެ. މިދިޔަ ހުކުރު ދުވަހު އިތުރު 90 މީހުން ބަލިން ރަނގަޅުވިއިރު އެ އަދަދު ރޭ ވަނީ 198 އަށް އިތުރުވެފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރަށް 141 މީހުން ކޮވިޑުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 2،414 މީހުންނެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު 146 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.