ކޮވިޑް-19: އަނެއްކާވެސް ރެކޯޑް އަދަދަކަށް ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: އަނެއްކާވެސް ރެކޯޑް އަދަދަކަށް ޕޮޒިޓިވްވެއްޖެ

ޖެނީވާ (އޮގަސްޓް 16) - ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރެކޯޑް އަދަދެއް ކަމަށްވާ 294،000 މީހުން ކޮރޯނާވައިރަހަށް މުޅި ދުނިޔޭން ޕޮޒިޓިވްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

މިހާ ގިނަ އަދަދަކަށް އެއް ދުވަސްތެރޭ މީގެ ކުރިން ޕޮޒިޓިވްވެފައި ނުވާ އިރު ގިނަ ގައުމުތަކުގައި ބަލިވާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. ކާމިޔާބުކަމާ އެކު ބަލި ކޮންޓްރޯލް ކުރި ގައުމުތަކުން ވެސް މިހާރު ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

ޔޫރަޕުގެ ވެސް ގިނަ ގައުމުތަކަކުން ވެސް މިހާރު ވަނީ ޕޮޒިޓިވްވާ ރޭޓް އިތުރުވާ ކަމަށް ބުނެފަ އެވެ. ބަލީގެ ފުރަތަމަ ކޮޅު ގިނަ ބަޔަކު ޕޮޒިޓިވްވި ސްޕޭނުން އަދަދުތައް ދަށްކޮށްފައި ވަނިކޮށް ވޭތުވެދިޔަ ހަފުތާތަކުގައި އަނެއްކާވެސް ވަނީ ބަލިޖެހޭ މީހުން އިތުރުވާން ފަށައިފަ އެވެ. ތަޖްރިބާކާރުން ބުނަނީ އެ ގައުމު އަނެއްކާވެސް ވަނީ "ނާޒުކް ހާލަތަކަށް" ވެއްޓިފައި ކަމަށެވެ.

މާޗް އަދި އެޕްރީލް މަހު ގިނަ ބަޔަކަށް ބަލި ޖެހުނު ފްރާންސް އިން ވެސް ބަލި ކޮންޓްރޯލްކޮށްފައި ވަނިކޮށް ފަހަކަށް އައިސް ވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށައިފަ އެވެ.

ދުނިޔޭގެ 188 ގައުމަކުން ކޮވިޑް-19 ގެ ބަލި މީހުން ފެނި މިހާތަނަށް 21,679,993 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ އަދަދުގެ ތެރޭން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ ތިން ގައުމަކުންނެވެ. އެއީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާ އެވެ.

ކޮވިޑް-19 ގައި މިހާތަނަށް ދުނިޔޭން 770,085 މީހުން މަރުވެފައިވާ އިރު 14,387,229 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެހެންވެ މިހާރުގެ އެކްޓިވް ކޭސްގެ އަދަދަކީ 6,522,679 އެވެ.