ރަޝިޔާ އަށް 5 މަހުން ވެކްސިނެއް އުފެއްދުނީ ކީއްވެ؟
ރަޝިޔާ އަށް 5 މަހުން ވެކްސިނެއް އުފެއްދުނީ ކީއްވެ؟

މޮސްކޯ (އޮގަސްޓް 17) - ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކާއި ކުންފުނިތަކުން ކުރަމުން ދަނިކޮށް އެންމެ ފަސް މަސް ދުވަސްތެރޭ ރަޝިޔާ އިން ވެކްސުނެއް އުފެއްދި ގޮތާ މެދު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

ބައެއް ގައުމުތަކުން ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަނިކޮށް، އެ ގައުމުތަކުން ޑޭޓާ ހެކްކޮށްފައިވާ ކަމަށް ވެސް ރަޝިޔާ އަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ކޮރޯނާވައިރަހަށް ވެކްސިނެއް އުފައްދަން އެހާ ފަސޭހަވީ އެބޯލާ އާއި މިޑްލްއީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަށް ވެކްސިން އުފެއްދުމުގައި ލިބުނު ތަޖްރިބާ އިން ކަމަށް ރަޝިޔާގައި ވެކްސިން އުފެއްދި ސެންޓަރުގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.

ސްޕުޓްނިކްގެ ނަންދީފައިވާ ވެކްސިން އުފެއްދި މޮސްކޯގެ ގަމަލެޔާ ރިސާޗް އިންސްޓްޓިއުޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީގެ ވެރިޔާ އެލެގްޒެންޑާ ގިންޓްސްބާގް ވިދާޅުވީ ފަސް މަހުން ވެކްސިން އުފެއްދި ނަމަވެސް އެއީ އެއްޗެއް ކޮޕީކޮށްލައިގެން ކުރި މަސައްކަތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މި ބާވަތުގެ ވެކްސިންތައް އުފެއްދުމުގައި ބަޔޯޓެކްނީޝަނުންނާއި ވައިރޮލޮޖިސްޓުން އަދި އިމިއޮނޮލިސްޓުން މަސައްކަތް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން އުފެއްދި އެބޯލާ ވެކްސިންގެ ސަބަބުން، ކޮރޯނާވައިރަހުގެ ވެކްސިންގެ ކޮމްޕޮޒިޝަނާއި އިމިއުނިޒޭޝަން ޑޯޒް ކަނޑައަޅަން ފަސޭހަވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާސް އަކީ ވެސް ކޮވިޑް-19އާ ގާތްގަނޑަކަށް 80 ޕަސެންޓް އެއްގޮތް އެއްޗެއް. އެހެންވެ މާސް އަށް އުފެއްދި ވެކްސިންގެ މައުލޫމާތުން ވެސް ރިސާޗަރުންނަށް ވަރަށް ފަސޭހަވި،" ގިންޓްސްބާގް ވިދާޅުވި އެވެ.

ސްޕުޓްނިކް-ވީ ނުވަތަ ގެމް-ކޮވިޑް-ވެކް ވެކްސިން އުފެއްދުމުގެ މަސައްކަތް ރަޝިޔާ އިން ހޮނިހިރު ދުވަހު ވަނީ ފަށައިފަ އެވެ. އެ ވެކްސިނަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހުއްދަ ދެއްވާފައި ވަނީ އަންގާރަ ދުވަހު އެވެ.

ވެކްސިންގެ ތިން ވަނަ ފޭސް ފުރިހަމަ ނުކޮށް ރަޝިޔާގައި ވެކްސިން އުފައްދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމަށް ރައްދު ދެއްވައި ގިންޓްސްބާގް ވިދާޅުވީ ސްޕުޓްނިކް އުފައްދާފައި ވަނީ ރަޝިޔާގައި މިހާރު ހުރި ގަވާއިދުތަކަށް ފައްތައިގެން ކަމަށެވެ. ކޮރޯނާވައިރަހުގެ އިމަޖެންސީގެ ސަބަބުން ވެކްސިންގެ ޕްރޮސެސް ކުރުކޮށްލަން ރަޝިޔާގެ ގާނޫނުތައް ހުއްދަ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެއްވެސް ބަޔެއް އުންޏެއް ނުވާނެ،" ގިންޓްސްބާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާގެ ވެކްސިން މިހާރު ވެސް 3،500 މީހުންނަށް ދީފައިވާ ކަމަށާއި އެއްވެސް މީހެއްގެ ފަރާތުން ނެގެޓިވް އިފެކްޓެއް ފެނިފައި ނުވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުމާ އެކު އެކި ކުންފުނިތަކުން ވަނީ އެ ވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެކްސިން އުފެއްދި ގައުމަކަށްވެފައި ވަނީ ރަޝިޔާ އެވެ. ގިންޓްސްބާގް ވިދާޅުވީ ރަޝިޔާ އިން ވެކްސިން އުފެއްދީ ރޭހެއްގައި ވާދަކޮށް މޮޅުވުމުގެ ގޮތުން ނޫން ކަމަށެވެ.

ތިން ވަނަ ސްޓޭޖުގައި ވެކްސިން ޓެސްޓް ކުރުމަށް އެތައް ހާސް ބަޔަކު ބޭނުން ކުރެ އެވެ. އެއީ ވެކްސިންގެ ކާމިޔާބުކަމާއި ރައްކާތެރިކަން ބެލުމަށް ބޭނުންކުރާ ހަމައެކަނި ގޮތެވެ.

ސްޓޭޖް ތިނެއްގައި މިހާރުވާ ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވާ ހަ ވެކްސިންގެ ތެރޭގައި ރަޝިޔާގެ ވެކްސިން އަދި ނުހިމެނެ އެވެ. ދުނިޔޭގެ އެކި ކުންފުނިތަކުން މިހާރު އަންނަނީ ކޮރޯނާވައިރަހަށް 100 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން ބައެއް ވެކްސިން މިހާރު ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްކޮށްފަ އެވެ. ގިނަ ތަޖްރިބާކާރުން ބުނަނީ ކޮރޯނާވައިރަހަށް ރަނގަޅު ވެކްސިނެއް ލިބޭވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.