03 ޖޫން 2016 - 07:52

ބާލިޣު ވުމަކީ ކޮންމެ އުމުރެއްގައި ވެސް ވެދާނެ ކަމެއް ކަން ޕެރޫގެ ޓިކްރާޕޯގައި ދިރިއުޅުނު ފަސް އަހަރުގެ ކުޑަ ލީނާ މެޑީނާ ގެ މެޑިކަލް ހިސްޓްރީއަށް ބަލާލުމުން ޔަގީންވެ އެވެ.
ހެލްތު ސެންޓްރަލްގައިވާ ރިޕޯޓެއްގައިވާ ގޮތުން މި ކުއްޖާ އުފަންވެފައި ވަނީ 1933 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެވެ. އަދި ބޮޑުވަމުން އައީ ވެސް ހަމަ އާދައިގެ ކުދިން ފަދައިންނެވެ.
ނަމަވެސް އެއް ދުވަހަކު އޭނާގެ މައިންބަފައިންނަށް އެ ކުއްޖާގެ ބަނޑު މާ ބޮޑުވަމުންދާކަން ފާހަގަ ކުރެވުނެވެ. ބަނޑު ހަމަ ކުއްލިއަކަށް ބޮޑުވާން ފެށީ ހައިރާންވާހާ އަވަހަށެވެ. އެމީހުން ހީކުރީ އެކުއްޖާގެ ބަނޑުގައި ޓިއުމަރެއް އުފެދެނީ ކަމަށެވެ. އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެ ކުއްޖާގެ ބެލެނިވެރިންނަށާއި ޑޮކްޓަރުންނަށް ވެސް ލިބުނީ ޝޮކެކެވެ. ކުއްޖާގެ ބަނޑުގައި ހަތް މަހުގެ ކުއްޖެއް އޮތްކަން އެނގުމުންނެވެ.
އެކްސްރޭ ނަގާ ހޯމޯންތަކުގެ ޓެސްޓް ހެދުމުން ކުއްޖާ ބަލިވެ އިނދެ ދުވަސް ފުރެނީކަން ޔަގީންވި އެވެ.
އެ ކުއްޖާގެ ބެލެނިވެރިން ބުނާ ގޮތުގައި އުމުރުން އެންމެ ދެ އަހަރާ ބައިގެ އެ ކުއްޖާ ބާލިޣުވެ މައްސަރުކަންތައް ޖެހެން ފެށި އެވެ. ނަމަވެސް އެ ކުއްޖާ ބަލިވެ އިންކަން އެނގުނުއިރު އޭނާއަށް މައްސަރުކަންތައް ނުޖެހޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ވެސް އެ ކުއްޖާގެ މަންމަ ބުނެފައިވެ އެވެ.
މިހާ ކުޑަ ކުއްޖަކު ބަލިވެ އިނުމަކީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށްވެ، ޕެރޫގެ ވެރިރަށް ލިމާގައި ހުންނަ ބޮޑު ހޮސްޕިޓަލަކަށް އެ ކުއްޖާ ގެންދިޔަ އެވެ. އަދި އޭނާގެ ހަށިގަނޑު ކުޑަކަމުން ނުވިއްސޭނެތީ ސިޒޭރިއަން ހަދައިގެން ބަނޑު އޮތް ހަ ޕައުންޑްގެ ދަރިފުޅު ނެގި އެވެ.
މޭ 14، 1939 ގައި އުމުރުން އެންމެ ފަސް އަހަރާއި ހަތް މަހުގައި ލީނޭ މެޑީނާ ވިހާފައި ވާއިރު އޭނާ އަކީ މިހާތަނަށް ވެސް ދުނިޔޭގެ އެންމެ ހަގު މަންމަގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ކުއްޖާ އެވެ.
ލީނާ ވިހޭ ކުއްޖާ އަށް ދިނީ އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުގެ ނަން ކަމަށްވާ ގެރާޑޯ އެވެ.
އެ ކުއްޖާގެ ސެކްޝުއަލް ގްލޭންޑްސްތަކާއި ކިރުއަރަން މެދުވެރިވާ ގްލޭންޑްތައް ފުރިހަމައަށް ޑިވެލޮޕްވެފައިވާކަން މި ކުއްޖާ އޮޕަރޭޝަން ކުރުމުގެ ތެރޭގައި ޑޮކްޓަރުންނަށް ފާހަގަ ކުރެވުނެވެ.
މިއީ ޑޮކްޓަރީގޮތުން ބަލާއިރު ވަރަށް ދިމާނުވާ ކަހަލަ ކަމެކެވެ. ވަރަށް ނާދިރު މި ކަމަށް ކިޔަނީ "ޕްރެކޯޝިއަސް ޕިއުބަޓީ" އެވެ.
މި ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ސުވާލުކުރި ނަމަވެސް އެ މީހާއާ ދެކޮޅަށް ހެއްކެއް ނުލިބުމުގެ ސަބަބުން އެމީހާ ދޫކޮށްލީ އެވެ. އެހެންކަމުން ލީނާ މެޑީނާ ވިހެއި ކުއްޖާގެ ބައްޕައަކީ ކާކުކަމެއް އޮޅުމެއް ނުފިލި އެވެ.
'ލާ ޕްރެސް މެޑިކަލް' ޖާނަލްގައި ޑރ. އެޑްމުންޑޯ އެސްކޯމެލް ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ މި ބައްޔާ ބެހޭ މައުލޫމާތު ހާމަކޮށްފަ އެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި އެ ކުއްޖާގެ ބެލެނިވެރިން ބުނެފައިވާ ގޮތާ ޚިލާފަށް ކުއްޖާ ބާލިޣުވެފައި ވަނީ އުމުރުން އެންމެ އަށް މަހުގަ އެވެ. ހަތަރު އަހަރު ފުރުނުއިރު ކުއްޖަކު ބާލިޣުވާ އުމުރުގައި ހުންނަ ވަރަށް އޭނާގެ އުރަމަތި ވަނީ އުފެދިފަ އެވެ. އަދި ފަސް އަހަރު ވީއިރު އޭނާގެ އުނަގަނޑާއި ހަށިގަނޑު ހެދި ބޮޑުވެފައިވެ އެވެ. އަދި ކަށިތަކަށް ވެސް އެކަށީގެންވާ ތަރައްގީ އައިސްފައިވެ އެވެ.
ގެރާޑޯ ބޮޑުވެގެން އައިއިރު އޭނާ ހީކުރާނީ ލީނާ އަކީ އޭނާގެ ދައްތަ ކަމަށެވެ. ހަގީގަތް އޭނާއަށް އެނގުނީ އުމުރުން 10 ވަރަކަށް އަހަރު ވީ ފަހުންނެވެ.
މި ހާދިސާއަށް ފަހު ވެސް ލީނާ މެޑީނާގެ އާއިލާ އުޅެފައި ވަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ލިއޮޒާޑާގައި ހުންނަ ލީމާ ކްލިނިކްގައި ސެކްރެޓަރީއެއްގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ލީނާ އުޅުނެވެ. އަދި ދަރިފުޅު ރަނގަޅަށް ބަލަހައްޓައި ހައި ސްކޫލް ނިމެންދެން ކިޔަވައިދިނެވެ. ލީނާ 1972 ވަނަ އަހަރު ރައުލް ޖުރާޑޯ ކިޔާ މީހަކާ ކައިވެނިކޮށްގެން އިތުރު ފިރިހެން ދަރިފުޅަކު ލިބުނެވެ. ނަމަވެސް މި ކައިވެންޏެއް އެންމެ ހަތް އަހަރުވީތަނާ ލީނާގެ ދޮށީ ފިރިހެން ދަރިފުޅު ގެރާޑޯ އަށް ބޯން މެރޯ ބައްޔެއް ޖެހި މަރުވީ އެވެ. އޭރު ގެރާޑޯގެ އުމުރުން 40 އަހަރެވެ.
ޕެރޫގެ ލިމާގެ ފަގީރު އަވަށެއްގައި އަދިވެސް ލީނާ އާއި ފިރިމީހާ ދިރިއުޅޭ ކަމަށްވެ އެވެ.