މޮރިޝަސްގެ ފަރަށް އެރި ބޯޓު ދެބުރިވެ މޫދަށް ތެޔޮ ބޭރުވަނީ
މޮރިޝަސްގެ ފަރަށް އެރި ބޯޓު ދެބުރިވެ މޫދަށް ތެޔޮ ބޭރުވަނީ

ޕޯޓް ލުއިސް (އޮގަސްޓް 17) - މޮރިޝަސްގެ ފަރަށް އަރާފައިވާ ޖަޕާނުގެ ބޯޓު ދެބުރިވެ ގިނަ އަދަދަކަށް މޫދަށް ތެޔޮ ބޭރުވާން ފަށައިފި އެވެ.

ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާ އެކު އެމްވީ ވަކަޝިއޯ މޮރިޝަސްގެ ފަރަށް އެރީ ޖުލައި 25 ގަ އެވެ. އެ ބޯޓުން ކުރިން ބޭރުވި ތެލުން އިންޑިއާ ކަނޑުގެ ހިތްގައިމު ޖަޒީރާ ގައުމުގެ ތިމާވެށި ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. އޮގަސްޓް 6 ވަނަ ދުވަހުން ފެށިގެން ވަނީ 1،000 ޓަނުގެ ތެޔޮ ބޭރުވެފަ އެވެ. ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މޮރިޝަސްގެ ކަނޑުގެ ދިރުމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެފަ އެވެ. މިދިޔަ ހޮނިހިރާ ހަމައަށް ބޯޓުގައި ހުރި 90 ޓަނުގެ ތެލެވެ.

އެމްވީ ވަކަޝިއޯ ދެ ބުރިވުމާ ގުޅިގެން ބޯޓުން ބޭރުވި ތެޔޮ ފެތުރިދާނެތީ ބެރިއާ ވަނީ ޖަހައިފަ އެވެ. އަދި މޫދުން ތެޔޮ ނަގާ ބޯޓުތައް ވެސް ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

މޮރިޝަސް އިން މިދިޔަ ހަފުތާގައި ވަނީ ތިމާވެށީގެ ކުއްލި ނުރައްކާ ހާލަތު އިއުލާންކޮށްފަ އެވެ. ޖަޕާނުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝިންޖިރޯ ކޮއިޒުމީ ވަނީ މޮރިޝަސްގެ ތިމާވެއްޓަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް ޓީމެއް ފޮނުވަން ނިންމައިފަ އެވެ.

ބޯޓުގެ ވެރި ފަރާތްތަކަށްވާ ނަގާޝިކީ ޝިޕިންގެ ފަރާތުން ބަދަލު ހޯދަން މޮރިޝަސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓު ފަރަށް އަރަން މެދުވެރިވި ގޮތް ތަހުގީގު ކުރާނެ ކަމަށެވެ.

އާބާދީގައި 1.3 މިލިއަން މީހުން ހިމެނޭ މޮރިޝަސްގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާ ވަނީ ކަނޑުގެ ދިރުންތަކާއި އިކޯޓޫރިޒަމަށެވެ.