16 އޯގަސްޓް 2020 - 14:27

ކިޔެވުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
ޔުނިސެފާ ގުޅިގެން އޮންލައިންކޮށް އިއްޔެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ސީއެޗްއެސްއީގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް މައުލޫމާތު ދީފައި ވެ އެވެ.
މިނިސްޓްރީން ބުނީ ތިން ސެޝަނަކަށް ގެންދިޔަ ބައްދަލުވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި އެކަމާ ގުޅިގެން ސްކޫލުތަކުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ދެކޭ ގޮތް ބަލައި މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންދަން އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ.
"މި ބައްދަލުވުންތަކުގައި ބައިވެރިންނަށް ވަނީ އެ ގްރޫޕަކާ ގުޅޭގޮތަށް، ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ ލާނިން ލޮސް ނުވަތަ އިލްމާއި ހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ. މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލުތަކުގައި ގާއިމްކުރެވިފައި ހުރި ވަސީލަތްތަކާއި އިންތިޒާމްތައް ބައްދަލުވުމުގެ ބައިވެރިންނަށް ދައްކާލެވުނެވެ،" މިނިސްޓްރީން ބުންޏެވެ.
ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި، ދަރިވަރުން، ބެލެނިވެރިންނާއި މުދައްރިސުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
ހުރިހާ ސްކޫލެއްގައި އެ ބައްދަލުވުންތައް ގެންދަން ވަނީ ނިންމައިފަ އެވެ.
ސްކޫލުތައް ބަންދުވެ ކުދިން ގޭގައި ތިބުމުން އެ ކުދިންނަށް ލިބޭ އިޖުތިމާއީ ގެއްލުމަކީ މިންކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ބުނީ ކުދިން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދި ތައުލީމީގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ހުޅުވީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ. އޭރު ވެސް މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީގެ ގްރޭޑުތަކަށެވެ. ނަމަވެސް މާލެ ސަރަަހައްދުން ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު، ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.
ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް އަންނަނީ ކިޔަވައިދެމުންނެވެ.