30 އަހަރަށް ފަހު ޑޯން ކެފޭ އަށް އަލްވަދާއު!
30 އަހަރަށް ފަހު ޑޯން ކެފޭ އަށް އަލްވަދާއު!

މާލޭ ބާޒާރުމަތީގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ ދުވަސްވީ ސައި ހޮޓާ، ޑޯން ކެފޭ 30 އަހަރަށް ފަހު ހުއްޓާލަން ނިންމައިފި އެވެ.

30 އަހަރަށް ފަހު ޑޯން ކެފޭ އަށް އަލްވަދާއު!
30 އަހަރަށް ފަހު ޑޯން ކެފޭ އަށް އަލްވަދާއު!

އެ ހޮޓަލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެތަން ހުއްޓާލަނީ އިމާރާތުގެ ވެރިފަރާތުން އެތަން ހުސްކުރަން އެދިފައިވާތީ، އެހެން ތަނަކަށް އެ ތަން ބަދަލު ކުރުމަށެވެ.

"މި ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި... މި ހޮޓަލަށް ވަޑައިގެން ސައިތައްޓެއް ބައްލަވައިގެންފި ނަމަ ހޫނު މަސްރޮއްޓެއް ނުވަތަ ބޮނޑިބަތް ތައްޓެއް ފަރިއްކުޅުވައިފި ނަމަ ތިޔައީ އަޅުގަނޑުމެންގެ ޝުކުރު ހައްގުވެފައިވާ، މި ހޮޓަލުގެ ގާތް ހިއްސާދާރެކެވެ،" ޑޯން ކެފޭ ބަންދުކުރުމަށް ޓަކައި، މެނޭޖްމަންޓުން ނެރުނު ބަޔާނުގައި ވެ އެވެ.

މާލޭ ބާޒާރުމަތީގައި، މިހާރުގެ މަސް މާރުކޭޓުގެ ހުޅަނގުން، އެތެރެމަގުގައި ހުރި ޑޯން ކެފޭ އަކީ އެތަނަކުން ވަރަށް ގިނަ ބަޔަކު ހިދުމަތް ހޯދައިފައިވާ މުޅި ރާއްޖޭގައި ވެސް ވަރަށް މަޝްހޫރު ހޮޓަލެކެވެ. ރަށްރަށުން މާލެ އައިސް ވަރަށް ގިނަ ބަޔަކު އެ ހޮޓަލުން ސައިބޮއެ ހަދަ އެވެ. އަދި މިހާރު ވެސް ބާޒާރުމަތީގައި ހަރަކާތްތެރިވާ އެތައް ސަތޭކަ މީހުންނާއި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިން ވެސް ވަރަށް ގިނައިން އެތަނުން ސައިބޮއެ، ކައި ހަދަ އެވެ. އެހެންވެ، ޑޯން ކެފޭ އަކީ ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި މާލޭ ބާޒާރުމަތީގައި އެންމެ ވަރުގަދަ އެއް ބްރޭންޑެވެ.

ޑޯން ކެފޭ ހިންގަމުން އަންނަނީ މ. ފެންގަސް މުހަންމަދު ޔޫސުފު (ކުޑޭ) އެވެ. ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު އެތަން ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުނު އިރު، އޭނާ އެތަނާ ހަވާލުވުމުގެ ކުރިން ވެސް ޑޯން ކެފޭގެ ނަމުގައި ހަމަ އެތާނގައި ހޮޓަލެއް ހުއްޓެވެ.

"ހަނދާންވާ ގޮތުގައި އަޅުގަނޑު އެތަން ހިންގުމުގެ ފަސް ވަރަަކަށް އަހަރު ކުރިން ވެސް އެތަން ހުރޭ. އޭރު އަޅުގަނޑުގެ ޅިޔަނަކު އެތަން ހިންގަމުން ދިޔައީ. ދެން އޭނާ ބަލިވެ އުޅޭތީ އެތަނާ ހަވާލުވި ގޮތަށް އަޅުގަނޑު އެކަމާ މި އުޅެނީ. މިހާރު އަޅުގަނޑުގެ ކުދިން އެކަމުގައި އިސްކޮށް އުޅޭނީ،" މާލޭގެ މަޝްހޫރު ބައެއް ހޮޓާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކުޑޭ ބުންޏެވެ.

ޑޯން ކެފޭ މަޝްހޫރުވެފައި ވަނީ، ކުޑޭ ބުނި ގޮތުގައި ފެށުނީއްސުރެ އުސޫލުތަކެއްގެ މަތީގައި އެތަން ހިންގުމަށް ދިން އިސްކަމެއްގެ ސަބަބުންނެވެ. އޭނާ ބުނި ގޮތުގައި ސާފުތާހިރު ކަމަކީ އެންމެ މުހިންމު ކަންތަކެވެ.

"ދެން އޭރު ބެލީ އަބަދު ވެސް މީހުން ބޭނުންވާ އެއްޗެހި ބެހެއްޓޭތޯ. އޭރު ބައެއް މީހުން ފިހާރަ ބަންދުކޮށްލައިފައި އައިސް ބުނާނެ މި އައީ މަސްރޮއްޓެއް ކާލާށޭ. މަސްރޮށި އެއީ އަޅުގަނޑުމެންގެ ވަރަށް ހިނގި އެއްޗެއް،" އޭނާ ބުންޏެވެ.

އޭގެ އިތުރުން އެތަނަކީ، މާލޭގެ އެހެން ބައެއް ތަންތަނާ ހިލާފަށް ދިވެހި ރަހަތައް މެދުކެނޑުމެއް ނެތި ލިބެން ހުރި ތަނެކެވެ. ކުޑޭ ބުނިގޮތުގައި ބަނބުކެޔޮ ލިބޭ ނަމަ، ބަނބުކެޔޮ ބޮޑިބަތް ހުންނާނެ އެވެ. އަދި ފުފޫ ކަނދި ކަހަލަ ދިވެހި ސަގާފީ ކާތަކެތި އަބަދުވެސް ބެހެއްޓޭތޯ ބަލާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

"އެއީ އަޅުގަނޑު ދެކޭ ގޮތުގައި އާންމުންގެ މެދުގައި އެތަން މަޝްހޫރުވި ކަމަކީ،" މިހާރު އުމުރުން 69 އަހަރުގެ ކުޑޭ ބުންޏެވެ.

"ވަރަށް ބޮޑަށް އާންމުންގެ ހިތް އެތަނަކަށް އޮތް ތަނެއް އެ ހޮޓަލަކީ. އެތަން ބަންދުކުރަން ޖެހުމަކީ ދެރަކަމެއް."

އެކަމަކު ޑޯން ކެފޭގެ މެނޭޖްމަންޓުން އަންނަނީ އެ ނަން ދެމެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ހަމަ އެ ނަމުގައި މާލޭގައި އެހެން ހޮޓަލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޑޭ ބުންޏެވެ.

"އަޅުގަނޑުގެ ކުދިން އެބަ ބަލާ އެހެން ތަނެއް ލިބޭތޯ،" ހަ ކުދިންގެ ބައްޕަ ބުންޏެވެ.