ކަރަން ޖޯހަރް އާއި އަދިތުޔާ ޗޯޕްރާއަށް އަޖޭ ގޮންޖަހައިފި
ކަރަން ޖޯހަރް އާއި އަދިތުޔާ ޗޯޕްރާއަށް އަޖޭ ގޮންޖަހައިފި

"އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ"ގެ ބޮކްސް އޮފީސް ހަނގުރާމަ ފެށެން އެންމެ ތިން ދުވަހަށް ވެފައިވާއިރު "ޝިވާއޭ"ގެ ބަތަލު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް މިހާރު ތިބީ ވަރަށް "ހަނގުމާވެރި" މޫޑެއްގަ އެވެ.

އިންޑިއާ ޓުޑޭ ޓެލެވިޒަންއާ ވާހަކަ ދައްކަމުން އަޖޭ އާއި ކާޖޮލް ވަނީ ކަރަން ޖޯހަރްގެ ފިލްމާއި އެމީހުންގެ ފިލްމުގެ ކުރިމަތިލުމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފަ އެވެ.

އަޖޭ ބުނި ގޮތުގައި އޭނާގެ ކުޑަ އިނގިލިން އަނބުރާ ނުލެވޭ ވަރުގެ އެކަކުވެސް ހިންދީ ފިލްމު އިންޑަސްޓްރީއަކު ނެތެވެ. މީގެ ކުރިން ވެސް އަޖޭ އަށް މިފަދަ ގޮތަކަށް ބޮކްސް އޮފީހުގައި ފިލްމަކާ ކުރިމަތިލާން ޖެހުނެވެ. އެ ފަހަރު ޔާޝް ޗޯޕްރާގެ "ޖަބް ތަކް ހެ ޖާން" އާއި އަޖޭ ގެ "ސަން އޮފް ސަރްދާރް" އެވެ. އެފަހަރުވެސް އަޖޭ ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ.

މިފަހަރުވެސް އަޖޭ ގަސްތުގައި ބޮޑު ފިލްމަކާ ކުރިމަތިލާން ވަނީ ކަމަރު ބަނދެފަ އެވެ. ނަމަވެސް އަޖޭ ބުނީ ކަރަންގެ ފިލްމާ ކުރިމަތިލާން ނުކުތީ އޭނާ ނޫން ކަމަށެވެ. އަޖޭ ބުނި ގޮތުގައި މިދިޔަ އަހަރު އޭނާ "ޝިވާއޭ" ރިލީޒްކުރާ ދުވަސް އިއުލާންކުރިއިރު އެއްވެސް ފިލްމެއް އެ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައެއް ނެތެވެ. "އޭ ދިލް ހެ މުޝްކިލް" "ޝިވާއޭ"އާ އެއް ދުވަހު ރިލީޒްކުރާކަން އިއުލާންކުރީ މާފަހުންނެވެ. އެހެންވީމާ އޭނާގެ ފިލްމާ ވާދައަށް އެހެން ބަޔަކު ނުކުތީ ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް އަޖޭ ގަބޫލު ކުރެ އެވެ.

ދެ ފިލްމުން ކުރެ މޮޅީ ކޮން ފިލްމެއްކަން ނިންމާނީ ބެލުންތެރިން ކަމަށް ވެސް އަޖޭ ބުންޏެވެ.

ބޮޑެތި ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ޔާޝްރާޖް ފިލްމްސް އާއި ދަރްމާ ޕްރޮޑަކްޝަން އާ ކުރިމަތިލައިގެން ފިލްމު އިންޑަސްޓްރީން އަޖޭ ބާކީ ވަމުންދާ ކަމަށް ގަބޫލުކުރަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަޖޭ ބުނެފައިވަނީ އެގޮތަށް ގަބޫލުނުކުރާ ކަމަށާއި އޭނާގެ ވެސް ރައްޓެހިން ބޮލީވުޑްގައި އެބަތިބި ކަމަށެވެ.
އަޖޭގެ އަންހެނުން ކާޖޮލް ބުނީ ފިލްމު އުފެއްދުމަކީ އޭގެ ޒާތުގައި ވަރަށް އެކަނިވެރިކަމުގައި ކުރެވޭނެ މަސައްކަތެއް ކަމަށް ގަބޫލުކުރާ ކަމަށާއި ފިލްމު އުފެއްދުމަކީ "ވަން މޭން ޝޯ" އެއް ކަމަށެވެ.

އަޖޭ ބުނި ގޮތުގައި އޭނާގެ ވަރަށް ގިނަ އެކުވެރިން އެބަތިއްބެވެ. އަދި އެމީހުންގެ ފުރިހަމަ ސަޕޯޓް އޭނާއަށް އެބައޮތެވެ. ވަގުތު ޖެހުމުން އޭނާއަށް ތާއީދުކުރަނީ ކޮން ބައެއްކަން ވެސް އެނގޭނެކަމަށާއި މިވަގުތު އަދި އެމީހުންގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"ހަގީގަތަކީ އަހަންނަށް އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުން ނުވާކަން. އަހަރެންގެ ކުޑަ އިނގިލިން ވެސް އެންމެން ހިފަހައްޓާލެވޭނެ،" އަޖޭ ބުނެފައިވެ އެވެ.

އަޖޭގެ "ޝިވާއޭ" އާއި ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" ހުކުރު ދުވަހު ރިލީޒްކުރާއިރު ދެ ފިލްމު ވެސް އުޅެނީ ދާދި އެއްވަރެއްގަ އެވެ. ނަމަވެސް އެޑްވާންސް ބުކިންގްސް އަށް ބަލާއިރު "އޭ ދިލް ހެ މުޝްކިލް" ތަންކޮޅެއް ކުރީގައި އުޅޭކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ނަމަވެސް އަޖޭ ބުނާ ގޮތަށް އާޚިރުގައި ކާމިޔާބު ލިބޭނީ މި ދެ ފިލްމުން ކުރެ މޮޅު ފިލްމަކަށެވެ.