17 އޯގަސްޓް 2020 - 07:49

ކޮވިޑް-19 އަކީ އިންސާނުންގެ ދިރިއުޅުން އެ ފުށްމިށަށް ޖަހައިލި، މި ފަހުން ކުރިމަތިވި އެންމެ ބޮޑު މުސީބާތެވެ. ބަލިމަޑިކަމާ އެކު ގައުމުތަކަށް ކުރިމަތިވި ލޮކްޑައުންގެ ހާލަތްތަކާ އެކު ހީވެސް ނުކުރާ ކަހަލަ ބަދަލުތައް މީހުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވެ އެވެ.
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ އާ ވެބް ސީރީޒް "ދަ ގޯން ގޭމް" ގައި ދައްކަނީ ކޮވިޑްގެ ތެރޭގައި އާއިލާއަކަށް ދިމާވާ ވަރަށް ހިތްދަތި އަދި އަސަރުން ފުރިގެންވާ ހާދިސާތަކެކެވެ. ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް ސިލެކްޓް އިން މި މަހުގެ 20 ގައި ސްޓްރީމްކުރާ މި ސީރީޒްގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މީގެ އެންމެ ހާއްސަ އެއް ކަމަކީ ޝޫޓްކޮށްފައިވާ ގޮތެވެ. އެގޮތުން "ދަ ގޯން ގޭމް" ކޮންމެ މަންޒަރަކީ އެ މީހަކު އެ ވަގުތަކު ހުރި ތަނެއްގައި ހުރެގެން ޝޫޓްކޮށްފައިވާ، ވަރަށް ރިއަލިސްޓިކް އެއްޗަކަށްވާނެ އެވެެ.
ހަތަރު އެޕިސޯޑް ހިމެނޭ މި ތުރިލާގެ ކާސްޓުންގެ ތެރޭގައި އަރުޖުން މާތޫރު، ޝްވޭތާ ތުރިޕަތީ، ޝްރިޔާ ޕިލްގާއޯންކަރް، ރުޚްސާރު ރަހްމާން، ލުބްނާ، ސަލީމް، އިންދުރަނީލް ސެންގުޕްތާ އަދި ދިބެޔެންޑޫ ބަޓަޗަރިއާ ހިމެނެ އެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ، 54، އަކީ އަބަދު ވެސް އެކި ކަހަލަ ރޯލްތައް، އެކި ކަހަލަ ޕްލެޓްފޯމްތަކުގައި ތަޖުރިބާކުރަމުން އަންނަ އެކްޓަރެކެވެ. ބޮލީވުޑްގައި މާ ކާމިޔާބު އެކްޓަރަކަށް ނުވި ސަންޖޭ ކުރިން ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ސޯނަމް ކަޕޫރްގެ "ދަ ފޯޔާ ފެކްޓާ" އިންނެވެ.