ތިން މަސް ތެރޭ އަލުން ކޮވިޑަށް ޕޮޒިޓިވް ވިޔަސް ކަރަންޓީނެއް ނުކުރާނެ: ސީޑީސީ
ތިން މަސް ތެރޭ އަލުން ކޮވިޑަށް ޕޮޒިޓިވް ވިޔަސް ކަރަންޓީނެއް ނުކުރާނެ: ސީޑީސީ

ކޮވިޑް-19 ޖެހި ރަނގަޅުވިތާ ތިން މަސް ތެރޭ އަލުން އެ ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް ބަލީގެ އަލާމާތެއް ނުފެންނަ ނަމަ އެ މީހަކު ކަރަންޓީނު ނުކުރާ ގޮތަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ގައިޑްލައިން ބަދަލުކޮށްފި އެވެ.

ސީޑީސީގެ ތަރުޖަމާނަކު ސީއެންއެން އަށް ވިދާޅުވީ މިގޮތަށް ނިންމީ ކޮވިޑް ޖެހި ރަނގަޅުވާތާ ތިން މަސް ވާއިރު ވެސް އެ މީހެއްގެ ޓެސްޓުތަކުން ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާތީ ކަމަށެވެ. އެކަމަކު މި މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނާރާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ނަމަވެސް ގައިޑްލައިނަށް ގެނައި ބަދަލާ އެކު ސީޑީސީން ވަނީ ކޮވިޑް-19 ޖެހޭ މީހުންނަށް އަލުން އެ ބަލި ނުޖެހޭނެކަން ނުވަތަ އިމިއުންވާނެކަން އަދި ކަށަވަރު ނުވާކަން ހަނދާންކޮށްދީފަ އެވެ. ގައިޑްލައިނަށް ގެނައި ބަދަލުގައި، ބަލި ޖެހޭ މީހުން ތިން މަސް ތެރޭ އަލުން ކަރަންޓީނު ނުކުރަން ނިންމި ނަމަވެސް މީގެ މާނަ އަކީ ތިން މަސް ދުވަހަށް މީހާ ބައްޔަށް އިމިއުން ވުން ކަމަށް މާނަ ނުކުރަން ސީޑީސީން ވަނީ ބުނެފަ އެވެ.

"އެންމެ ފަހުގެ މައުލޫމާތުން މި އެނގޭ ކަމަކީ، މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވިތާ ތިން މަސް ތެރޭ އެ މީހެއްގެ ކިބައިން، އެހެން ބައްޔަކާ ގުޅުމެއް ނެތި ކޮވިޑްގެ އަލާމާތްތައް ނުފެންނަ ނަމަ އަލުން އަނެއްކާ ޓެސްޓްކުރަން ނުޖެހޭނެކަން،" ސީޑީސީގެ ބަޔާނުގައިވެ އެވެ.

ސީޑީސީން ގައިޑްލައިން ބަދަލުކޮށްފައި މި ވަނީ ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ އެމެރިކާގައި އަލުން ސްކޫލްތައް ހުޅުވަން ތައްޔާރުވަމުން އަންނަނިކޮށެވެ.

އެމެރިކާގައި މިހާރު އަމަލުކުރަމުން އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލީގެ އަލާމާތް ހުންނަ މީހުން 11 ދުވަހަށް ހޯމް އައިސޮލޭޝަންގައި ބެހެއްޓުމަށް ފަހު އިތުރު 14 ދުވަހަށް ކަރަންޓީނުގައި ބަހައްޓާ ގޮތަށެވެ.