16 އޯގަސްޓް 2020 - 07:25

ލިވަޕޫލް (އޮގަސްޓް 16) – ލިވަޕޫލަށް 30 އަހަރު ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދައިދިން ޖަރުމަނުގެ ޔާގެން ކްލޮޕަށް މި ސީޒަނުގެ ޕްެރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބިއްޖެ އެވެ.
ކްލޮޕް އެވޯޑް ހޯދީ ޗެލްސީގެ ފްރޭންކް ލަމްޕާޑާއި ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އާއި ޝެފީލްޑް ޔުނައިޓެޑުގެ ކްރިސް ވިލްޑާއާ ވާދަކޮށްގެންނެވެ.
ލިވަޕޫލް ޗެމްޕިއަންކަން ހޯދީ ދެ ވަނައިގައި ނިންމާލި މެންޗެސްޓާ ސިޓީ އަށް ވުރެ 18 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެގޮތުން ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެ 99 ޕޮއިންޓް ހަމަކުރި އެވެ.
ލިވަޕޫލަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކްލޮޕް ވަނީ ލީގުގެ ކޯޗުންގެ އެސޯސިއޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ޖުލައި މަހު ހޯދައިފަ އެވެ.
އުމުރުން 53 އަހަރުގެ ކްލޮޕް ފާހަގަކުރެވެނީ ރޭވުންތެރި ކޯޗެއްގެ އިތުރުން ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ވެސް އެފަދަ ދެ ވަނަ އެއް ނެތް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ޖަރުމަނުގެ މެއިންޒް އިންނެވެ. އެ ޓީމު ޖަރުމަނު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ ބޮޑު ކުރިއެރުމެއް ހޯދައިދިނުމަށް ފަހު ދެން އޭނާ ހަވާލުވީ 2008 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. އެ ޓީމަށް ޖަރުމަނުގެ ޗެމްޕިއަންކަން ހޯދައިދީ ޔޫރަޕްގެ ބޮޑު ބާރަކަށް ހަދައިދިނުމަށް ފަހު 2015 ވަނަ އަހަރު އެ ޓީމު ދޫކޮށްލި އެވެ. ފުޓްބޯޅައިން އެއް އަހަރުގެ ބްރޭކެއް ނަގަން ނިންމި ނަމަވެސް ލިވަޕޫލާ ހަވާލުވާން ފުރުސަތު ލިބުމާ އެކު އޭނާ އެ ޓީމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.