16 އޯގަސްޓް 2020 - 06:41

ލިޒްބަން (އޮގަސްޓް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ 3-1 އިން ކަޓުވާލުމަށް ފަހު ސެމީ ފައިނަލުގެ ފަހު ޖާގަ ފްރާންސްގެ ލިޔޯނުން ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ހިމެނެނީ ޖަރުމަނުގެ ދެ ޓީމާއި ފްރާންސްގެ ދެ ޓީމެވެ. މިއީ ހަމައެކަނި މި ދެ ގައުމުގެ ޓީމުތައް މުބާރާތުގެ ސެމީން ފެންނަ ފުރަތަމަ ފަހަރެވެ. އަދި އަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ދެ ގައުމަކަށް ނިސްބަތްވާ ހަތަރު ޓީމެއް މުބާރާތުގެ ސެމީގައި ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. މި ފަހަރުގެ ސެމީގައި އިންގްލެންޑާއި ސްޕެއިނަށް ނިސްބަތްވާ އެއްވެސް ޓީމެއް ނުހިމެނެ އެވެ. އެންމެ ފަހުން މި ދެ ގައުމުގެ ޓީމެއް ނެތި ސެމީ ކުޅުނީ 24 އަހަރު ކުރިންނެވެ.
އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ފުރަތަމަ ސެމީގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބައްދަލުކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ. އަދި ބުދަ ދުވަހުގެރޭ ދެ ވަނަ ސެމީގައި ލިޔޯން ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ.
ރޭގެ މެޗަށް ނުކުތްއިރު ފޭވަރިޓެއްގެ ގޮތުގައި ސިޓީ ބެލެވުނު ކަމުގައި ވިޔަސް ޖުމްލަ ގޮތެއްގައި އެ ޓީމު ކައިރީގައި ލިޔޯނުން ވަނީ މޮޅަށް ކުޅެފަ އެވެ. ލިޔޯނުން މި މެޗުގައި ލީޑުނެގީ 26 ވަނަ މިނިޓްގައި މެކްސްވަލް ކޯނެޓް ޖެހި ގޯލުންނެވެ. މިއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސިޓީ ކޮޅަށް ގޯލު ޖެހިފަހުން ކޯނެޓް މި މުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ.
ސިޓީން ލަނޑެއް ޖަހަން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. މި ލަނޑު ރަހީމް ސްޓާލިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޖެހީ ކެވިން ޑިބްރޭނާ އެވެ. އޭގެ ކުރިން ހިލޭ ޖެހުމަކުން ލަނޑު ޖަހަން ޑިބްރޭނާ ފޮނުވާލި ބޯޅައެއް ލިޔޯނުގެ ކީޕަރު އެންތަނީ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.
ސިޓީން އެއްވަރުކުރިތަނާ ލިޔޯނުން ވަނީ އެ ޓީމުގެ އެންމެ ކުރިއަށް ކުޅޭ އަދި ޓީމުގެ ކެޕްޓަން މެމްފިސް ޑިޕާއިގެ ބަދަލުގައި މޫސާ ޑެމްބެލޭ ކުޅެން އަރުވައިފަ އެވެ. ސިޓީން އެއްވަރުކުރިތާ 10 މިނިޓް ތެރޭ ޑެމްބެލޭ ވަނީ އަލުން ލިޔޯނަށް ލީޑުނަގައިދީފަ އެވެ. އެ ގޯލު ބަލައިގަންނަން މެޗުގެ ރެފްރީ ނިންމީ ޑެމްބެލޭ އަށް ބޯޅަ ލިބުމުގެ ކުރިން އޮފްސައިޑްގައި ހުރި ޓޯކޯ އެކަމްބީ ފައިގައި ބޯޅަ ނުޖެހޭއިރު، އޭނާ އެ އެޓޭކްގައި ބައިވެރިވުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ބެލުމަށް ފަހު އެވެ.
ދެ ވަނަ ފަހަރު އެއްވަރުކުރަން ސިޓީގެ ސްޓާލިން އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ގޯލު ކުރިމަތީގައި މުޅިން ހުސްކޮށް ހުރެ ސްޓާލިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ސިޓީން ފުރުސަތު ނަގާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިޔޯނުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ކައުންޓަ އެޓޭކުގައި ހުސާމް އޮއާރް ޖެހި ބޯޅައެއް ސިޓީގެ ކީޕަރު އެޑަަސަން މޮރާއޭސް އަތުގައި ޖެހިފައި ލިބުމުން ޑެމްބެލޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯލަ ފޮނުވާލައިފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން ސިޓީގެ ކޯޗުކަމާ ހަވާލުވެ ޕެޕް ގާޑިއޯލާ ވަނީ އެ ޓީމާ އެކު އިނގިރޭސި ހުރިހާ މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ. އެކަމަކު އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ކުޅުންތެރިން ގަންނަން ފައިސާ ހަރަދުކުރި ނަމަވެސް އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަަހަނައަޅައި ދެވޭ ގޮތެއްނުވެ އެވެ. އެންމެ ފަހުން ތިން އަހަރު ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ. ގާޑިއޯލާ ބުނީ އުއްމީދަކީ ސެމީ އަށް ދިއުމުގައި މި ދިމާވާ ހުރަސްތައް ވީ އެންމެ އަވަހަށް ނައްތާލުން ކަމަށެވެ.
"ސެމީ އަށް ދިއުމުގައި މި ދިމާވާ ހުރަސްތައް ނައްތާލަން އެބަޖެހޭ. ފަހަރުގައި މި ޓީމަށް ސެމީގެ ޖާގަ ހައްގު ކަމަށް ވެސް ވެދާނެ. އެކަމަކު އަހަރެމެން އެ ފެންވަރުގެ މަސައްކަތެއް ނުކުރާނަމަ އެކަން ހާސިލެއް ނުވާނެ. އުއްމީދަކީ ވީ އެންމެ އަވަހަކަށް މި މުބާރާތުގައި ކާމިޔާބެއް ހޯދުން. މިހާ ހިސާބުން އަހަރެމެންނަށް ސީޒަން ނިމުނީ ދެން އޮތީ ކުރު ޗުއްޓީ އަކަށް ގޮސް އަލުން އެނބުރި އައިސް މަސައްކަތް ފެށުން،" ގާޑިއޯލާ ބުންޏެވެ.
މި ފަހަރުގެ ފްރެންޗް ލީގުގެ ހަތް ވަނަ އަށް ދިޔަ ލިޔޯނަށް އަންނަ އަހަރު ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބެން އޮތީ މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެންނެވެ. ލިޔޯން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ ފަަހަރު ލިޔޯން ނުކުތީ މި ފަހަރުގެ ސެމީގައި ވެސް އެ ޓީމާ ދެކޮޅަށް ކުޅޭ ބަޔާނާ ދެކޮޅަށެވެ. ބަޔާން ވަނީ އެ ފަހަރު ދެ ލެގުގައި ލިޔޯން 4-0 ގެ އެގްރިގޭޓުން ބަލިކޮށްފަ އެވެ.