ބޯޑަރުގެ މައްސަލައިގައި މޯދީގެ އިންޒާރު ޗައިނާ އަށް
ބޯޑަރުގެ މައްސަލައިގައި މޯދީގެ އިންޒާރު ޗައިނާ އަށް

ނިއު ދިއްލީ (އޮގަސްޓް 16) - ދެ ގައުމުގެ ބޯޑަރުގެ މައްސަލައިގައި، ޗައިނާ އަށް އާ އިންޒާރެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ދެއްވައިފި އެވެ.

އިންޑިއާގެ މިނިވަން ދުވަހު މޯދީ ދެއްވި ތަގްރީރުގައި ވިދާޅުވީ އެންމެ މުހިންމު ކަމަކީ އިންޑިއާގެ އިސްތިގްލާލް ދެމެހެއްޓުން ކަމަށެވެ. އަދި އަވަށްޓެރިންނާ އޮންނަ ގުޅުން ބިނާވަނީ ރައްކާތެރިކަމާއި އިތުބާރަށް ކަމަށް ވިދާޅުވި އެވެ.

ނިއު ދިއްލީގެ ރެޑް ފޯޓުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިކުރި މީހުންގެ އަދަދު ވަނީ، ކޮރޯނާވައިރަހާ ގުޅިގެން، ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ. ރަސްމިއްޔާތަށް ދިޔަ 4،000 ވަރަކަށް މީހުން ތިބީ ދެ މީޓަރު (ހަ ފޫޓު) ދުރުގަ އެވެ.

ހިންދޫ ނޭޝަނަލިސްޓް ބޮޑުވަޒީރުގެ ތަގްރީރުގައި ބޯޑަރުގެ ކުރިމަތިލުންތަކަށް އިޝާރާތް ކުރެއްވި އެވެ. ނަމަވެސް ޕާކިސްތާނާއި ޗައިނާގެ ނަމެއް ވިދާޅެއް ނުވެ އެވެ.

"އިންޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށް ކަޅިއަޅާލިއަސް، އިންޑިއާގެ އަސްކަރިއްޔާ އިން ވަނީ އެކަމަށް ރައްދުދީފައި،" އަހަރުގެ ތެރޭގައި ދެއްވާ އެންމެ މުހިންމު ތަގްރީރުގައި މޯދީ ވިދާޅުވި އެވެ. "އެންމެ މުހިންމު ކަމަކީ އިންޑިއާގެ މިނިވަންކަން. އިންޑިއާ ސިފައިނަށް ކުރެވިދާނެކަންކަން އެވަނީ ލަޑަކް އިން ފެނިފައި.

މޯދީ އެ އިޝާރާތް ކުރައްވާފައި ވަނީ ޖޫން 15 ވަނަ ދުވަހު ލަޑަކް ސަރަހައްދުގައި ޗައިނާ ސިފައިންނާ އެކު ހިންގި ބޯޑަރުގެ ކުރިމަތިލުމަށެވެ. އެ ކުރިމަތިލުމުގައި އިންޑިއާގެ 15 ސިފައިން މަރުވި އެވެ. ޗައިނާގެ ސިފައިން މަރުވި ނަމަވެސް އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

މޯދީ ވިދާޅުވެފައި ވަނީ ޖޫން 15 ވަނަ ދުވަހުގެ ބޯޑަރު ކުރިމަތިލުމުގައި އިންޑިއާގެ ބިމުން އެންމެ އިންޗިއެއްގެ މިންވަރު ވެސް ގެއްލިފައި ނުވާ ކަމަށެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި އަސްކަރީ ތަޖްރިބާކާރުން ބުނެފައި ވަނީ އެތައް އަހަރެއް ވަންދެން އިންޑިއާ ސިފައިން ވެރިކޮށްގެން އުޅުނު ބިމުގެ ސަރަހައްދެއް ޗައިނާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި އިންޑިއާ އިން ވަނީ ޗައިނާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ހަތިޔާރު ނަގައިފަ އެވެ. ޗައިނާގެ 59 އެޕެއް އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ޓިކް-ޓޮކް ހިމެނެ އެވެ. އޭގެ އިތުރުން ޗައިނާގެ ކުންފުނިތަކުގެ މަސައްކަތް ހުއްޓުވައި އެ ގައުމުގެ އިމްޕޯޓަށް ހުރަސް އެޅުން ހިމެނެ އެވެ.

މޯދީ ވިދާޅުވީ އަވަށްޓެރިންނާ އޮންނަ ގުޅުން ބިނާވަނީ ސަލާމަތާއި ކުރިއެރުމާއި އިތުބާރުގެ މައްޗަށް ކަމަށެވެ.

"އަވަށްޓެރިންނަކީ އިންޑިއާގެ ޖިއޮގްރަފީ ހިއްސާ ކުރާ މީހުންނެއް ނޫން. އެއީ އިންޑިއާގެ ހިތްތައް ހިއްސާ ކުރާ މީހުން،" މޯދީ ވިދާޅުވި އެވެ.

މޯދީގެ ތަގްރީރުގައި ވަނީ އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ދިފާއީ ލަޝްކަރު ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

މި ވަގުތަށް އެންމެ އިސްކަން ދެނީ ކޮރޯނާވައިރަހުގެ ސަބަބުން ދިމާވި ކަންކަމުން އަރައިގަތުން ކަމަށް ވިދާޅުވި އެވެ.