އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑް ކޮށްފި
އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑް ކޮށްފި

އުރީދޫން ދެމުން އަންނަ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޕްލޭންތައް އިތުރު ޑޭޓާއާއި ހަލުވި ސްޕީޑު ލިބޭގޮތަށް އަޕްގްރޭޑު ކޮށްފި އެވެ.

އެ ކުންފުނިން ވަނީ މި އަޕްގްރޭޑާއެކު އިންޓަނެޓް ސްޕީޑު ފަސް ގުނަ އަވަސް ކޮށްފަ އެވެ. އަދި 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް މި އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫން ބުނީ މި އަޕްގްރޭޑަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތާއިއެކު ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާތީ ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން މި ބަދަލާ އެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިތުރު ޑޭޓާ އާއި ސްޕީޑު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދައިދިނުން. ހަމަ އެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ޚިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލް ވަމުންއަންނަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް މަގު ފަހިކޮށްދިނުން،" އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދުއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބި، އެންމެހާ ފަރާތްތަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށުން ވެގެންދިޔައީ ރާއްޖޭގެ ބްރޯޑްބޭންޑް ދާއިރާއަށް ވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ބަދަލަކަށެވެ. މިއާއެކު އުރީދޫން ވަނީ ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޯށްދިނުމުގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ފޯރުކޮށްދީފަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މިހާރު ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި އިންޓަނެޓް ފޯރުކޮށްދިނުމަށް އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.