16 އޯގަސްޓް 2020 - 11:39

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ޖަރުމަނު ފުޓްބޯޅައިގައި އެންމެ ބޮޑަށް ކުރިއަރައިގެން އައި އެއް ޒުވާން ޑިފެންޑަރު ޖޫލިއަން ނާގަލްސްމަންގެ ވިސްނުންތޫނު ކަމަށް އޭރު އޭނާ ކުޅެމުން އައި 1860 މިއުނިކް ޓީމުގެ ކޯޗުން ވެސް ތައުރީފުކުރެ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އުމުރުން 20 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހުމުން ނާގަލްސްމަން އެ ހިތްދަތިކަމާ ކުރިމަތިލީ ކެރިގެންނެވެ. ފުޓްބޯޅަ ކުޅެގެން ދެން ހާސިލްކުރެވޭނެ ކަމެއް ނެތަސް ނާގަލްސްމަން ހިތްއެދުނީ ކޯޗިން އިން ކުރިއަށް ގޮސް ހުވަފެންތައް ހަގީގަތަކަށް ހެދުމެވެ.

"އަނިޔާވެ ކުޅުން ހުއްޓާލަން ޖެހުމުން ފުޓްބޯޅައިން އަހަރެން ދެން ބޭނުންވާ އެއްވެސް ކަމެއް ނެތޭ ހިތަށް އެރި. އެއީ އެހާ ޒުވާން އުމުރުގައި ކެރިއަރު ނިންމާލަން ޖެހުނީމަ. އެކަމަކު އަހަރެންގެ ހިތް އެދެމުން ދިޔައީ ފުޓްބޯޅައިގައި ހަމައެކަނި ކުޅެގެން ނޫނަސް ހާސިލްކުރެވޭނެ ކަންތައްތަކެއް އެބަހުއްޓޭ. އެ ހިސާބުން އަހަރެންގެ ޒުވާން ހިތް އެދުނީ ކޯޗިން އިން ކުރިއަށްދާން،" ދި އެތުލެޓިކަށް 2018 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ނާގަލްސްމަން ބުންޏެވެ.

ކުޅުން ހުއްޓާލަން ޖެހުނު ހިސާބުން ނާގަލްސްމަން ކޯޗިން އިން ކުރިއަށް ދިއުމުގެ މަސައްކަތް ފަށައިފި އެވެ. އެންމެ ފުރަތަމަ ފުޓްބޯޅައާ ގުޅޭ އެކި ކަންކަމުން އިލްމު އުނގެނުނީ އެވެ. އެގޮތުން ފުރަތަމަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔަވައި ފަހުން ސްޕޯޓްސް ސައިންސް އިން ޑިގްރީ އެއް ނެގުމަށް ފަހު ކޯޗިން ލައިސަންސް ހާސިލްކުރީ އެވެ.

މިހާރު އުމުރުން 33 އަހަރުގެ ނާގަލްސްމަން ރަސްމީކޮށް ކޯޗިންގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު ހޮފެންހައިމްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. ފުރުސަތު ލިބޭ ވަރަކަށް އެހެން ޒުވާން ޓީމުތަކަށް ވެސް ކޯޗުކޮށްދީ ފުޓްބޯޅައިގެ އެކި ވައްޓަފާޅިތައް ތަޖުރިބާ ކުރަމުންދިޔަ ނާގަލްސްމަންގެ ކޯޗިންގެ ބިންގާ އެޅުނީ 2014 ވަނަ އަހަރު ހޮފެންހައިމް އަށް 19 އަހަރުން ދަށުގެ ލީގު ކާމިޔާބުކޮށްދެވުނު ހިސާބުންނެވެ.

އޭގެ އެއް އަހަރު ފަހުން ހޮފެންހައިމްގެ ވެރިން ނިންމީ ނާގަލްސްމަންއާ ސީނިއާ ޓީމު ހަވާލުކުރާށެވެ. އުމުރުން 28 އަހަރުގައި ހޮފެންހައިމަށް ކޯޗުކޮށްދެން ފެށުމާ އެކު ނާގަލްސްމަން އަށް ޖަރުމަނު ފުޓްބޯޅައިގެ ތާރީހުން ހާއްސަ ޖާގައެއް ލިބުނެވެ. އެއީ ޖަރުމަނުގެ އެއް ވަނަ ޑިވިޝަނުގައި ރަސްމީ ފުލްޓައިމް ކޮންޓްރެކްޓެއްގައި ހަވާލުވި އެންމެ ޒުވާން ކޯޗުގެ ގޮތުގަ އެވެ.
ޖަރުމަނު ފުޓްބޯޅައިގެ ގިނަ ބަޔަކަށް އެންމެ ފުރަތަމަ ހީވީ ހޮފެންހައިމް އިން ނާގަލްސްމަނާ ޓީމު ހަވާލުކުރީ މީޑިއާގެ ސަމާލުކަން ހޯދަން ކަމަށެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން 15 ވަނައިގައި އޮތް ހޮފެންހައިމާ ހަވާލުވެ، ގިނަ ބަޔަކު ގަޔާވާ ސިސްޓަމަކަށް ހޮފެންހައިމް ލައްވައި ކުޅުވާ އެ ޓީމަށް ރެލިގޭޝަނުން ސަލާމަތްކޮށްދިނެވެ. އަދި ދެ ވަނަ ސީޒަނުގައި ބޮޑު ކުރިއެރުމެއް ހޯދައި ހޮފެންހައިމް އަށް ޖަރުމަނު ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދިނެވެ. އެ ހިސާބުން ޖަރުމަނު ފުޓްބޯޅައިގައި ނާގަލްސްމަންގެ އަޑުގަދަވި އެވެ. ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް 2021 ވަނަ އަހަރާ ހަމައަށް ހޮފެންހައިމްގައި މަޑުކުރަން ފުރަތަމަ ނިންމި ނަމަވެސް މިދިޔަ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު މިހާރުގެ ޓީމު އާރްބީ ލައިޕްޒިގާ ހަވާލުވީ އެ ކްލަބްގެ ޕްރޮޖެކްޓާ ގަޔާވާތީ އެވެ. އަދި ލިޕްޒިގުގެ ވެރިން ނާގަލްސްމަން ގެންނަން ކުރި މަސައްކަތް ފެނިފަ އެވެ.
ޒުވާން އުމުރުގައި ނާގަލްސްމަން ކޯޗިންގެ ތެރެއަށް ވަންއިރު އޭނާ އެންމެ ދެކެން ބޭނުންވި އެއް ކަމަކީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ދުނިޔޭގައި ފުޓްބޯޅަ އަށް ފައިދާ ނެގޭނެ ގޮތްތަކެއް ހޯދުމެވެ. އެ ގޮތުން ހޮފެންހައިމްގައި ނާގަލްސްމަންގެ ވިސްނުމާ އެއްގޮތަށް ޓްރެއިނިން ދަނޑުގައި ބޮޑު ސްކްރީނެއް ބެހެއްޓި އެވެ. އަދި ޓްރެއިނިން ކުރިއަށްދާއިރު ޑްރޯންތަކެއް ބޭނުންކޮށްގެން ކުޅުންތެރިން ކުޅޭ ގޮތް މޮނިޓަކޮށް އެނަލައިޒްކުރަން ފެށި އެވެ. އޭރު އެކަން ކުރަމުން އައީ މަދު ކްލަބްތަކެއްގަ އެވެ.
ޑްރޯން ބޭނުންކުރުމުގައި ނާގަލްސްމަން އެންމެ އިސްކަމެއްދިނީ ކޮންމެ ކަމެއްގެ ވެސް ހައްލު އެކި ގޮތްގޮތަށް ބުނެދިނުމެވެ. އެ ގޮތުން ހަތަރު ޑްރޯން ގެންގުޅުނީ ހަތަރު އޭންގަލުން ކެމެރާ ކުރުމަށެވެ. އަދި އެ ހަތަރު އޭންގަލުން ޓީމުގެ ކުޅުމަށް ގެނެވޭނެ ޓެކްޓިކަލް ރަނގަޅު ގޮތްތައް ކުޅުންތެރިންނަށް ފަރިތަކޮށްދިނެވެ.
"އަހަރެން ފުރަތަމަ އެ ގޮތަށް ޓްރެއިނިން ފެށީމަ ވަރަށް ގިނަ ބަޔަކަށް ހީވި މިކަމުން ފައިދާނުކުރާނެއޭ. އެކަމަކު ފަހުން ޖަރުމަނު ޔޫތު ލެވަލްގެ ވަރަށް ގިނަ ކޯޗުންތައް ކުޅުންތެރިން މޮނިޓާ ކުރުމުގައި ޑްރޯން ބޭނުންކުރުމުން އަހަންނަށް ރަނގަޅު މިސްރާބަށް ދެވޭ ކަމުގެ އިހުސާސްވި. ޕްރެކްޓިސް ދަނޑުގައި ބޮޑު ސްކްރީން ހަރުކުރި މަންޒަރު ފެނުނީމަ ވަރަށް އުފާވި،" ނާގަލްސްމަން 2017 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ގިނަ ޒުވާނުންނާ ހިލާފަށް ނާގަލްސްމަން އަކީ ސޯޝަލް މީޑިއާގައި އުޅޭ މީހެއް ނޫނެވެ. އަޖުމަ ބަލާލުމުގެ ގޮތުން އިންސްޓަގްރާމާއި ފޭސްބުކްގައި ރަސްމީ އެކައުންޓެއް ހުޅުވާލުމާ އެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 42000 އަށް ވުރެން ގިނަ ފޮލޯވަރުން ލިބުނެވެ. އެހެން ނަމަވެސް މަދުވަގުތު ކޮޅަކަށް ފަހު އޭނާ ވަނީ ހުރިހާ އެކައުންޓެއް ޑިލީޓްކޮށްލައިފަ އެވެ.
"ވާ ގޮތެއް ބަލަން ޖޫލިއަން (ނާގަލްސްމަން) ސޯޝަލް މީޑިއާ ބޭނުންކުރި. އެއީ ހަމައެކަނި އެ މާހައުލު ދެނެގަންނަން އޭނާ ބޭނުންވީ. އޭނާ އެކަން ކުރީ ޒުވާން ކުޅުންތެރިން އެ ބޭނުންކުރަނީ ކޮން ގޮތަކަށްތޯ އަމިއްލަ އަށް ތަޖުރިބާކުރަން. އެއީ ވެސް ކަމެއް ދަސްކުރަން ކުރި ކަމެއް. ވަގުތުން އޭނަ ބޭނުންވި ކަމެއް ދެނެގަނެވުމާ އެކު އަމިއްލަ އަކަށް ހުރިހާ އެކައުންޓެއް ޑިލީޓް ކޮށްލައިފި،" ނާގަލްސްމަންއާ ބެހޭގޮތުން އޭނާ އަދި ޔާގެން ކްލޮޕްގެ އޭޖެންޓް މާކް ކޮސިސްކާ ބުންޏެވެ.
ލިޕްޒިގުގެ މީޑިއާ އަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ނާގަލްސްމަން ބުނީ ސޯޝަލް މީޑިއާގައި ނޫޅެނީ އޭނާ އަށް ފުޓްބޯޅައިގެ ވަށައިގެން އެނބުރޭ ކަންތައްތަކުގައި އުޅުމަށް ވުރެން އަމިއްލަ ނަފްސާއި ޓީމު ކުރިއެރުވުމުގެ ގޮތްތައް ހޯދުން މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެވެ. އަދި ސޯޝަލް މީޑިއާ އަކީ އޭނާ ސިކުނޑި އަށް ނެގެޓިވް ކަންތައްތަކެއް އަތުވެދާނެ ޕްލެޓްފޯމެއްގެ ގޮތުގައި ނާގަލްސްމަން ދެކެ އެވެ. އަމިއްލަ އަށް ސޯޝަލް މީޑިއާގައި ނުޅޭއިރު ކުޅުންތެރިން ވެސް ފުޓްބޯޅައިގެ ކަންތައްތަކުގައި ސޯޝަލް މީޑިއާއާ ވީހާވެސް ދުރުގައި އުޅެން ނާގަލްސްމަން އިރުޝާދުދެ އެވެ.
މީގެ 11 އަހަރުކުރިން ވުޖޫދުވި ލައިޕްޒިގަށް ނާގަލްސްމަން ގެނައި އެންމެ ބޮޑު ސަބަބަކީ އޭނާ ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ދައްކަމުން އަންނަ ތަފާތެވެ. އަދި ހޮފެންހައިމްގެ އިތުރުން ގިނަ އެހެނިހެން ޒުވާން ކުޅުންތެރިންނާ އެކު ނާގަލްސްމަން ކޮށްފައިވާ މަސައްކަތް ލިޕްޒިގުން ވަނީ ވަރަށް ރަނގަޅަށް ދިރާސާކޮށްފަ އެވެ.
ލައިޕްޒިގުގެ ސްޕޯޓިން ޑިރެކްޓަރަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ހަމަޖެއްސި މާކަސް ކްރޯޝާ ބުނީ ލައިޕްޒިގުގެ ބޯޑުގެ ހުރިހާ އެންމެނަށް ނާގަލްސްމަން ކަމުދިޔަ އެންމެ ބޮޑު ސަބަބަކީ އޭނާ ކުޅުވާ ސްޓައިލާއި ނަތީޖާ ނެރުމުގައި އޭނާގެ ކުޅަދާނަ ވުމެވެ. އަދި މާ ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް ނުގެނެ ވެސް ފުޓްބޯޅައިގައި ކުރިއަށްދެވޭނެ ކަން ނާގަލްސްމަން ސާބިތުކޮށްދޭ ކަމަށެވެ.
ނާގަލްސްމަންގެ ކޯޗިން ފިލޯސަފީ އަކީ ވީހާ ވެސް ބޮޑަށް އިދިކޮޅު ޓީމުގެ ގޯލާ ހަމައިން ޕްރެސްކޮށްގެން ކުޅުމެވެ. އަދި ބޯޅަ ހިފަހައްޓައިގެން ކުޅޭއިރު ދަނޑުގެ ހުސް ޖާގަތަކުގެ ބޭނުންވީ އެންމެ ފުރިހަމަ އަށް ހިފަން ވަކިވަކި ކުޅުންތެރިންނަށް ތަފްސީލީ ގޮތަކަށް ބުނެދީ އެ އަށް ހޭނުވުމެވެ. ނާގަލްސްމަންގެ ކޯޗުކަމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަނީ ބަޔާން މިއުނިކާއި ޖަރުމަނު ގައުމީ ޓީމުގައި ސާޖް ގްނަބްރީ އެވެ.
އާސެނަލްގެ ޔޫތު ޓީމުން ސީނިއާ ޓީމަށް ޕްރޮމޯޓްވި ގްނަބްރީ އަށް އެ ޓީމުން ފުރުސަތެއް ނުލިބި ފަހުން އެ ލީގުގެ ވެސްޓް ބްރޯމް އިން ވެސް ދާއިމީ އެއްބަސްވުމެއް ދޭން ދެކޮޅު ހެދުމުން އޭނާ 2016 ވަނަ އަހަރު ޖަރުމަނުގެ ވާޑާ ބްރެމެން އަށް ބަދަލުވި އެވެ. އެ ޓީމުގައި ދެއްކި ކުޅުމުގެ ސަބަބުން ބަޔާން އިން 2017 ވަނަ އަހަރު އޭނާގެ ސޮއި ހޯދި އެވެ. ބަޔާން އިން ގްނަބްރީ ގަތްއިރު އޭރު ހޮފެންހައިމްގައި ހުރި ނާގަލްސްމަން ވެސް ދިޔައީ ގްނަބްރީ ހޯދަން ފާރަލުންނެވެ. ނާގަލްސްމަންގެ އެދުމަށް ހޮފެންހައިމް އިން ލޯން އެއްބަސްވުމަކަށް ގްނަބްރީ ގެނަ އެވެ. ދާދި ފަހުން ގްނަބްރީ ދިން އިންޓަވިއުއެއްގައި ބުނީ މިހާރު އޭނާ ހުރި ލެވަލަށް ގެންނަން ނާގަލްސްމަން ވަރަށް މުހިއްމު ރޯލެއް ކުޅުނު ކަމަށެވެ.
"އަހަރެން ހޮފެންހައިމް އަށް ދިއުމަކީ ލިބުނު ނަސީބެއް. ނާގަލްސްމަން އަހަރެންގެ މުޅި ސްޓައިލް ބަދަލުކޮށްލި. އަހަންނަށް ކުޅެވޭނެ ތަފާތު ގިނަ ގޮތްތަކެއް ބުނެދިން. އަހަރެންގެ ހުނަރުގެ ބޭނުން ފުރިހަމަ އަށް ކުރެވެން ފެށީ ނާގަލްސްމަންގެ އިރުޝާދާ އެކީ. އޭނާގެ ތަފާތަކީ ޒުވާން ކުޅުންތެރިންނަށް ކިޔައިދޭނެ ހުރިހާ ގޮތެއް އޭނަ އަށް އެނގޭ. ވަރަށް ތަފްސީލުކޮށް ބުނެދޭ. ހަގީގަތުގައި ފަހުގެ ފުޓްބޯޅައިގައި ނާގަލްސްމަން އަކީ އަދަޔާހިލާފު މީހެއް،" ގްނަބްރީ ބުންޏެވެ.
ނާގަލްސްމަންގެ އަންނަނީ ކޯޗިންގެ އިތުރުން ޒުވާން ކުޅުންތެރިންނަށް މިސާލު ދެއްކުމުގައި އެކި ކެމްޕެއިންތަކުގައި ވެސް ބައިވެރިވަމުންނެވެ. ނާގަލްސްމަން އަކީ ކޮމަން ގޯލް އިނީޝިއޭޓިވްގައި ބައިވެރިވި ފުރަތަމަ ފުޓްބޯޅަ ކޯޗެވެ. ކޮމަން ގޯލަކީ ފުޓްބޯޅައިގައި އުޅޭ ފަރާތްތަކުގެ މެދުގައި ޗެރިޓީ އަށް ހޭދަކުރުމުގެ ގޮތުން 2017 ވަނަ އަހަރު ފެށި މަސައްކަތެވެ. މީގެ ތެރެއިން ކޮންމެ ކޯޗެއް ނޫނީ ކުޅުންތެރިއަކު ލިބޭ މުސާރައިގެ ތެރެއިން މަދުވެގެން އެއް ޕަސެންޓް ޗެރިޓީ އަށް ހޭދަކުރަން ކޮމަން ގޯލަށް އިނީޝިއޭޓިވް ޖަމިއްޔާ އަށް ފައިސާ ދޭނެ އެވެ.
ބިލްޑަށް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ނާގަލްސްމަން ބުނީ އޭނާ ކުޅުމުގެ ކެެރިއަރުގެ ފަހު ކޮޅުގައި އޯގްސްބާގަށް ކުޅުނުއިރު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި މިހާރު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލްގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އަދި ފަހުން ކޯޗިން ކެރިއަރު ފަށައިގެން ވެސް ޓުޗެލްގެ ފަރާތުން ކޯޗިންގެ ފިލާވަޅުތަކެއް ނެގި ކަމަށް ނާގަލްސްމަން ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލިޕްޒިގުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ޕީއެސްޖީއާ ކުޅޭއިރު ނާގަލްސްމަން އަށް މި މެޗު ހާއްސަވާ އަނެއް ސަބަބަކީ ޓުޗެލްއާ ދެކޮޅަށް ނުކުންނަން ޖެހުމެވެ.
ޓުޗެލްގެ އިތުރުން ނާގަލްސްމަން ފުޓްބޯޅައިގެ ކަންތައްތައް ދަސްކުރުމުގެ ގޮތުން އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗިންގެ ސިސްޓަމްތައް ވަރަށް ރަނގަޅަށް ދިރާސާކުރެ އެވެ. މިދިޔަ ސީޒަނުގައި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ނާގަލްސްމަން ބުނީ ދުވާލެއްގެ މައްޗަށް ހަތް ވަރަކަށް ގަޑިއިރު ފުޓްބޯޅައިގެ އާ ކަންތައްތައް ދަސްކުރުމުގައި އޭނާ ހޭދަކުރާ ކަމަށެވެ.
ދާދި ފަހުން ނާގަލްސްމަން ވަނީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުމުގެ ފުރުސަތު އޭނާ އަށް ލިބުނު ކަމަށް ބުނެފަ އެވެ. އެއީ ރެއާލުން ޒިނެދިން ޒިދާނާ ދެ ވަނަ ފަހަރަށް ޓީމު ހަވާލުކުރުމުގެ ކުރިންނެވެ. އެކަމަކު އޭރު ނާގަލްސްްމަން އެ ފުރުސަތު ދޫކޮށްލީ އޭރު ޓީމަކާ ހަވާލުވެ ހުރުމުގެ އިތުރުން ހާލަތުގެ ގޮތުން އަމިއްލަ ނަފްސު އަދި އެ ފަދަ ބޮޑު ޗެލެންޖަކަށް ތައްޔާރުނޫން ކަމަށް ފެންނާތީ ކަމަށެވެ.
ފުޓްބޯޅައިގައި ދަސްކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެނގި ކާމިޔާބީތަކެއް ހާސިލްކުރެވޭނީ ބޮޑު ޓީމުތަކުގައި މަސައްކަތްކޮށްގެން ކަމަށްވާއިރު، ނާގަލްސްމަން އަށް ދެން ރެއާލް ފަދަ ބޮޑު ކްލަބަކުން ލިބޭ ހުށަހެޅުމެއް ބަލައިގަތުމާ މެދު ވަރަށް ފުންކޮށް ވިސްނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ފުޓްބޯޅައިގައި މިހާރު ވެސް އޭނާގެ ޒުވާން ހިތް އެދޭ އެންމެ ބޮޑު އެއް ކަމަކީ ބޭނުންވި ފަދަ މޮޅު ކުޅުންތެރިއަކަށް ނުވެވުނު ކަމުގައި ވިޔަސް ކޯޗިންގައި ދެވޭ އެންމެ އުހަކަށް ދިއުމެވެ. ލައިޕްޒިގު ގޮވައިގެން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ގޮސް އެ ހިސާބަށް ދަތުރުކުރި އެންމެ ޒުވާން ކޯޗުގެ ޝަރަފް ލިބުނު ކަމުގައި ވިޔަސް އޭނާގެ އުއްމީދަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމެވެ.