16 އޯގަސްޓް 2020 - 07:50

ޗައިނާގައި ގުއަންގްޑަން ޕްރޮވިންސްގައި ބްރިޖެއް އަޅަން ބިން ހުސްކުރި އިރު، ބަދަލު ދީފައި ބިން ނަގަން ހުށަހެޅި ނަމަވެސް އާއިލާއަކުން އެކަމަށް އެއްބަސްނުވުމުން އެ ގެ ވަށައިގެން ބްރިޖު ހަދައި ނިންމާލައިފި އެވެ.
ދާދި ފަހުން ހުޅުވި ހައިޒޫޔޮންގް ބްރިޖްގައި ދެ ލޭނަކަށް ހުރި ދިމާ އަށް ހުއްޓިފައި ތިރިއަށް ބަލައިލުމުން ފެންނާނީ ކުޑަކުޑަ ތަންކޮޅެއްގައި ހުރި ވަރަށް އާދައިގެ ކުޑަ ގެއެކެވެ. އެ ގެ ހުރި ތަނުގައި ހުރެ މައްޗަށް ބަލައިފި ނަމަ ފެންނާނީ ހަލަބޮލި ބްރިޖެވެ.
މީޑިއާތަކުން ބުނީ "ބްރިޖްގެ ތެރޭގައި" ގެ ތާށިވީ ބްރިޖް އަޅަން ބިން ހުސްކުރި އިރު އެ ގޭގެ ވެރިން އެތަން ދޫކޮށްލަން އެއްބަސްނުވުމުން ކަމަށެވެ. ގެ ހުރި ތަން ނަގަން ކަމާބެހޭ ފަރާތްތަކުން އާއިލާ އަށް ހުށަހެޅީ ފެންވަރު ރަނގަޅު ދެ ފްލެޓާ އެކު ބަދަލުގެ ގޮތުގައި 1.3 މިލިއަން ޔުއާން (186،500 ޑޮލަރު) ވެސް ދޭ ގޮތަށެވެ. ނަމަވެސް ގޭގެ ވެރިމީހާ ބޭނުންވީ ހަތަރު ފްލެޓާ އެކު، ބަދަލަށް ދެ މިލިއަން ޔުއާން (287،000 ޑޮލަރު) އެވެ. މި މައްސަލާގައި އެއްބަސްވުމަކަށް ނާދެވުމުން ގެ ހުރި ގޮތަށް ބަހައްޓާފައި ބްރިޖް އަޅަން ނިންމީ އެވެ.
ސަރުކާރުން ހުށަހެޅުމަށް ގޭގެ ވެރިން އެއްބަސްނުވުމުން އެ ގެ އަކީ މިހާރު "ބްރިޖްގެ ތެރޭގައި" ތާށިވި ހަމައެކަނި ގެއެވެ. އެތަނުގައި ކުރިން އުޅުނު 47 އާއިލާއެއް ވަނީ ބަދަލު ހޯދައިގެން އެހެން ތަންތަނަށް ބަދަލުވެފަ އެވެ.
ގޭގެ ވެރިމީހާ ލިއަންގް ބުނިގޮތުގައި ސަރުކާރުން އޭނާ އަށް ހުށަހެޅި ބަދަލަކީ 40 އަކަފޫޓުގެ ބިން ދޫކޮށްލަން އެންމެ ހައްގު މިންވަރެއް ނޫނެވެ. އެހެންވެ ބިން ދޫކޮށްލަން އެއްބަސްނުވީ ކަމަށް ބުންޏެވެ.
"އަހަންނަށް ހެޔޮ މިހެން އުޅެން ޖެހުނަސް. އަހަރެންގެ ބިމުގައި ގޭގައި މި އުޅެނީ ހިތްހަމަޖެހިގެން،" ލިއަންގް ބުންޏެވެ. "އަދި އަހަންނާއި އަހަރެންގެ އާއިލާއާ ބެހޭ ގޮތުން މީހުން ކިޔާ އެއްޗަކަށް ފަރުވާލެއް ވެސް ނެތް. ބައެއް މީހުން ކިޔާ އަހަންނަކީ ވަރަށް ބޯހަރު ގޮތްދޫނުކުރާ މީހެކޭ."
މިކަމާ ގުޅިގެން ބައެއް މީހުން ލިއަންގް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.