ބެލޮންޑިއޯ ލިސްޓުގައި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ ރަސްކަން
ބެލޮންޑިއޯ ލިސްޓުގައި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ ރަސްކަން

ޕެރިސް (އޮކްޓޯބަރު 25) - ސްޕެނިޝް ލީގާއި އިނގިރޭސި ލީގުގެ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ފްރާންސް ފުޓްބޯލް އިން އިއުލާންކޮށްފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރެއިން 13 ކުޅުންތެރިން ނިސްބަތްވަނީ ސްޕެނިޝް ލީގަށެވެ. އަދި ޕްރިމިއާ ލީގުން އަށް ކުޅުންތެރިން ހިމެނޭއިރު ޖަރުމަން ލީގުން ފަސް ކުޅުންތެރިން، އިޓާލިއަން ލީގު ތިން ކުޅުންތެރިން ހިމެނޭއިރު ޕޯޗުގީސް ލީގުން ވާދަކުރަނީ އެންމެ ކުޅުންތެރިޔެކެވެ.

ސްޕެނިޝް ލީގުން ވާދަކުރާ 13 ކުޅުންތެރިން ހަތް ކުޅުންތެރިން ނިސްބަތްވަނީ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ރެއާލް މެޑްރިޑަށެވެ. އެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ޕޯޗުގަލާ އެކު ޔޫރޯ ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕޭ ހިމެނެ އެވެ. މީގެ އިތުރުން ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫޒް ހިމެނެ އެވެ.

މި އެވޯޑް އެންމެ ގިނައިން ހާސިލްކޮށްފައިވާ ބާސެލޯނާގެ ލިއޮނަލް މެސީގެ ނަން ޝޯޓްލިސްޓްކޮށްފައިވާއިރު އޭނާގެ އިތުރުން ބާސެލޯނާގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ލުއިސް ސުއަރޭޒާއި ނޭމާގެ އިތުރުން އަންދްރެސް އިނިއެސްޓާ އެވެ. އެތުލެޓިކޯ މެޑްރިޑުން ލައްވާލީ ޑިއޭގޯ ގޮޑިން އާއި ކޮކޭ އަދި ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ފްރާންސުގެ އެންޓޮއިން ގްރިޒްމަން އެވެ.

ޕްރިމިއާ ލީގުގެ އަށް ކުޅުންތެރިންގެ ތެރޭގައި ޗެމްޕިއަން ލެސްޓާ ސިޓީގެ ޖެމީ ވާޑީ އާއި ރިޔާޒު މަހްރޭޒް ހިމެނެ އެވެ. މީގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑާއި ފްރާންސް ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑިމިޓްރީ ޕަޔެޓާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ ކެވިން ޑި ބްރޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ޔުވެންޓަސް އަށް ކުޅުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕައުލް ޕޮގްބާ އާއި ޕީއެސްޖީ އަށް ކުޅުމަށް ފަހު ޔުނައިޓެޑަށް ބަދަލުވި ޒަލަޓާން އިބްރަހިމޮވިޗް ވެސް ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ.

އިޓާލިއަން ލީގުން ހިމެނެނީ ޗެމްޕިއަން ޔުވެންޓަސްގެ ޖިއަންލުއިޖީ ބުފޮން އާއި ޕައުލޯ ޑީބަލާގެ އިތުރުން މިދިޔަ ސީޒަނުގައި ނަޕޯލީ އަށް ކުޅުމަށް ފަހު ރެކޯޑް އަގަކަށް ޔުވެންޓަސް އަށް ބަދަލުވެފައިވާ ގޮންޒާލޯ ހިގައިން އެވެ.

ޖަރުމަން ލީގުން ނޮމިނޭޓްވި ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ނިސްބަތްވަނީ ބަޔާން މިއުނިކަށެވެ. އެއީ އެ ޓީމުގެ އާރުޓޯ ވިޑާލާއި ރޮބަޓޯ ލެވޮންޑޮސްކީ އާއި ތޯމަސް މުލާ އަދި މެނުއަލް ނޯޔާ އެވެ. ދެން ހިމެނެނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ. ޕޯޗުގަލް ލީގުން ނޮމިނޭޓްވީ ސްޕޯޓިންގެ ރުއި ޕެޓްރީޝިއޯ އެވެ.

މި ލިސްޓުގައި ނުހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ލެސްޓާ އިން ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކޯންޓޭ އާއި އިޓަލީ އާއި ޔުވެންޓަސްގައި ފާހަގަކުރެވޭ ކުޅުމެއް ދެއްކި ލިއޮނާޑޯ ބޮނޫޗީ އަދި އާސެނަލްގެ މެސުތު އޮޒިލް ހިމެނެ އެވެ.

މި އެވޯޑް މިދިޔަ ހަ އަހަރު ދިނީ ފީފާއާ ގުޅިގެން ފީފާ ބެލޮންޑިއޯގެ ނަމުގަ އެވެ. އެކަމަކު މިހާރު ފީފާ އިން ވަކިވެފައިވާތީ ދެން އެވޯޑް ދޭން ކުރިން ވެސް ދިން ގޮތަށް ހަމައެކަނި ބެލޮންޑިއޯ އެވޯޑުގަ ނަމުގަ އެވެ. މިއީ ފްރާންސުގެ މަޝްހޫރު ފުޓްބޯޅަ މަޖައްލާ ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ.