ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ފަހަކަށް އައިސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޒީ ސްޓޫޑިއޯސް އިން އަނެއްކާ ވެސް އާ ފިލްމެއް އިއުލާންކޮށްފި އެވެ.

މި ފަހަރު އިއުލާންކޮށްފައި ވަނީ "14 ޕޭރާ" ކިޔާ ސޯޝަލް-ކޮމެޑީއެކެވެ. މީގެ ލީޑް ތަރިންނަކީ ޖެނުއަރީގައި ރިލީޒްކުރި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" ގެ ބަތަލު ވިކްރަންތު މަސީ އާއި "ހައުސްފުލް 4" ފަދަ ފިލްމުތަކުން ފެނިފައިވާ ކްރިތީ ކަރްބަންދާ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާ "14 ޕޭރޭ" އަކީ ދެވަންޝޫ ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ.

ސިނަމާތަކަށް ފިލްމު ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 9 ގަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޕިންކް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ރަޝްމީ ޝަރުމާ "ގޯލްޑެން އެރޯސް" ކިޔާ ހަނގުރާމައިގެ ފިލްމެއް އިއުލާންކޮށް، އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

"ވޮޑްކާ ޑައިރީޒް" ގެނެސްދިން ކުޝާލް ޝްރިވަސްތާވް ޑައިރެކްޓްކުރާ ފިލްމަށް ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ މަހު "ދިލް ބޭޗާރާ" ގެނެސްދިން މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަރްބާއާ އެވެ.

"ގޯލްޑެން އެރޯސް" ގައި ކިޔައިދޭނީ އިންޑިއާގެ ވައިގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ އެއާ ޗީފް މާޝަލް ބީއެސް ދަނޯއާގެ ވާހަކަ އެވެ.

ކޮރޯނާވައިރަހާ ދިމާކޮށް އަމިއްލަ ބްރޭންޑެއްގެ ގޮތުގައި "ފްރެޝް" ގެ ނަމުގައި ސެނިޓައިޒާއެއް ވެސް ބާޒާރަށް ނެރުނު އެކްޓަރު ސަލްމާން ޚާން "ބީން ހިއުމަން" ބްރޭންޑްގައި މާސްކް ނެރެފި އެވެ.

މި ވާހަކަ އޭނާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. "ބީން ހިއުމަން" ގެ ނަމުގައި ވަރަށް ފުޅާކޮށް ވިޔަފާރިކުރަމުން ގެންދެ އެވެ. އެގޮތުން ގިނަ އުފެއްދުންތައް ނެރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ބައިސްކަލާއި ކަސްރަތުކުރާ ސާމާނު ފަދަ ތަކެތި ހިމެނެ އެވެ.

"ބީން ހިއުމަން" ގެ މާސްކް ސަލްމާން ހޯސްޓްކުރަން ތައްޔާރުވަމުން އަންނަ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުގައި ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ކަމަށް ގަބޫލުކުރެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސުބާޝް ގާއީ އާ މިއުޒިކް ލޭބަލެއް ލޯންޗްކޮށްފި އެވެ.

އޯޑިއަސް މިއުޒިކްގެ ނަމުގައި ލޯންޗްކުރި އާ ކުންފުންޏަށް ގާއީގެ ފިލްމު އެކެޑެމީ ވިޒްލިން ވުޑްސް އާއި އޭނާގެ ފިލްމު ކުންފުނި މުކްތާ އާޓްސްގެ ދަށުން ހިންގާނެ ތަނެކެވެ. މީގެ މައިގަނޑު މަގުސަދަކީ މިއުޒިކްގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާން އާ ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމެވެ.

އޯޑިއަސް މިއުޒިކް ލޯންޗްކޮށްފައި ވަނީ ގަޔަތުރީ މަންތުރާ ކިޔާ އާ ލަވައަކާ އެކު ވެސް އެކީގަ އެވެ. އެ ލަވައިގައި ގާއީގެ ފިލްމުތަކަށް ލަވަކިޔާފައިވާ ބައެއް ފަންނާނުން ހިއްސާވެފައިވެ އެވެ.

ގާއީ އަކީ "ރާމް ލަކަން" އާއި "ކަލް ނަޔަކް" އާއި "ތާލް" އާއި "ސައުދާގަރް" އަދި "ޕަރްދޭސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.