ރަސްގެފާނު ބަލިކުރެވުނަސް ސިޓީ އޮތީ ހަމަބިމުގައި: ގާޑިއޯލާ
ރަސްގެފާނު ބަލިކުރެވުނަސް ސިޓީ އޮތީ ހަމަބިމުގައި: ގާޑިއޯލާ

ލިޒްބަން (އޮގަސްޓް 15) - ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު އަދި މުބާރާތުގެ ރަސްގެފާނު، ރެއާލް މެޑްރިޑް ބަލިކުރެވުނު ކަމުގައި ވިޔަސް މެންޗެސްޓާ ސިޓީ އޮތީ ހަމަބިމުގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސިޓީ ފުރުސަތު ހޯދީ ރެއާލްގެ މައްޗަށް ދެ ލެގުގައި ވެސް ކުރިހޯދައިގެންނެވެ. ކުއާޓާ ފައިނަލުގައި މިރޭ ފްރާންސްގެ ލިޔޯނާ ދެކޮޅަށް ނުކުންނައިރު، ސިޓީން ރެއާލް ބަލިކުރެވުމުގެ ހިތްހަމަޖެހުމުގައި ތިބި ނަމަވެސް މާ ބޮޑަށް އެކަމާ ފަހުރުވެރިވެގެން ވަކި ކަމެއް ދައްކަން ނުކުޅޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"މި މުބާރާތުގެ ރަސްގެފާނު (ރެއާލް މެޑްރިޑް) ބަލިކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކު މިހާރު މި މުބާރާތުގެ ފޯމެޓް މި އޮތީ އެންމެ މެޗަކުން ހުރިހާ ކަމެއް ބަދަލުވާ ގޮތަށް. އެހެންވީމަ އަހަރެމެން ކުރީ މެޗުގެ ނަތީޖާ ހަނދާނުގައި ހުރި ނަމަވެސް އެކަމާ ބޮޑާވެގެން އުޅުމަކީ ގޯހެއް. އަހަރެމެން ތިބޭނީ ހަމަބިމުގައި،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

"ގަބޫލުކުރަންވީ ކަމަކީ ދެ ވަނަ ފުރުސަތެއް ނުލިބޭނެކަން. އެހެންވީމަ މިތަނުގައި އިތުރު ހަތަރު ދުވަހު ތިބެން (ޗެމްޕިއަންސް ލީގުގައި ދެމި އޮންނަން) ބޭނުންނަމަ އެބަޖެހޭ ވަރަށް ފަރުވާތެރިވެގެން ކުޅެން."

ސިޓީ މި މެޗުން މޮޅުވެއްޖެނަމަ ސެމީގައި ކުޅެން ޖެހޭނީ ގާޑިއޯލާ ކުރިން ކޯޗުކޮށްދިން ބަޔާން މިއުނިކާ ދެކޮޅަށެވެ. ބަޔާން ސެމީން ފުރުސަތު ހޯދީ ރޭ ކުޅުނު ކުއާޓާގައި ބާސެލޯނާ 8-2 އިން ބަލިކުރުމަށް ފަހު އެވެ. ސިޓީ ސެމީ އަށް ދިޔަ ނަމަވެސް އެ ޓީމުގެ ތަރި ސާޖިއޯ އަގުއޭރޯ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ނުބެލެވެ އެވެ. އަގުއޭރޯ މި ވަގުތު ވެސް ހުރީ އަނިޔާއިން ފަރުވާ ހޯދަން ބާސެލޯނާގަ އެވެ.

ލިޔޯން ކުއާޓާ އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލައިފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ޔުވެންޓަސް ބަލިކުރެވުމަކީ ލިޔޯންގެ ކޮންފިޑެންސަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ރުޑީ ގާސިއާ ދެކެ އެވެ. ކުއާޓާގައި ސިޓީ އަކީ ފޭވަރިޓް ކަމަށާއި އެހެން ނަމަވެސް އެކަން ބަދަލުކުރެވޭނެ ކަމަށް ގާސިއާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ލިޔޯން ބަލިނުވެ އެވެ. ސިޓީ ދަނޑުގައި ލިޔޯން މޮޅުވިއިރު، އެ ޓީމުގެ ދަނޑުގައި މެޗުވީ އެއްވަރެވެ. ގާސިއާ ބުނީ އެ ދެ މެޗުން ވެސް ހިތްވަރު ހޯދިދާނެ ކަމަށާއި އެކަމަކު މި ވަގުތަށް ބަލާއިރު އޭނާގެ ޓީމަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އެއް ލެގު ކުޅެން ޖެހޭތީ ބޮޑެތި ޓީމުތަކަށް ކުރިމަތިވާ ޕްރެޝަރު ކަމަށެވެ.

ލިޔޯނާއި ސިޓީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.