ބަލިން ރަނގަޅުވިތާ މަސްތަކެއް ފަހުން އަނެއްކާ ޕޮޒިޓިވް!
ބަލިން ރަނގަޅުވިތާ މަސްތަކެއް ފަހުން އަނެއްކާ ޕޮޒިޓިވް!

ހުބެއި (އޮގަސްޓް 15) - ޗައިނާގައި ކޮވިޑް-19 ޖެހި ދެ މީހަކު ރަނގަޅުވިތާ މަސްތަކެއް ފަހުން އަނެއްކާވެސް އެ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނޮވެލް ކޮރޯނާވައިރަސް ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެތުރެން ފެށި ހުބެއި ޕްރޮވިންސް އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 68 އަހަރުގެ އަންހެނަކު ބަލިން ރަނގަޅުވިތާ ހަ މަސް ފަހުން، މިދިޔަ އާދިއްތަ ދުވަހު އަނެއްކާ ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެޕްރީލް މަހު ބަލި ޖެހި ރަނގަޅުވެފައިވާ މީހަކު މިދިޔަ ހޯމަ ދުވަހު ވަނީ ޝަންގައި އިން ޕޮޒިޓިވްވެފަ އެވެ. އެކަމަކު އެ މީހާގެ ފަރާތުން ބަލީގެ އެއްވެސް އަލާމަތެއް ނުފެންނަ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

މި ދެ ޕޭޝަންޓުންނާ ގާތްކޮށް އުޅުނު އެންމެންގެ ޓެސްޓް ހެދިއިރު އެކަކު ވެސް ޕޮޒިޓިވްވެފައެއް ނުވެ އެވެ. އެކަމަކު އެ ދެ މީހުން މިހާރު ތިބީ ކަރަންޓީނުގަ އެވެ.

ބައެއް ސައެންސްވެރިން ބުނާ ބުނާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހަކު އަލުން ޕޮޒިޓިވްވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އަނެއް ބައި ސައެންސްވެރިން ބުނާ ގޮތުގައި ބަލިން ރަނގަޅުވި ނަމަވެސް ވައިރަސްގެ އަސަރު ހަށިގަނޑުގައި މަސްތަކެއް ވަންދެން ހުރެދާނެ ކަމަށާއި އެ މުއްދަތުގައި "ވައިރަސް ރިއެކްޓިވޭޓް" ވެދާނެ އެވެ.

ސައުތު ކޮރެއާގެ ރިސާޗަރުން ބުނެފައި ވަނީ ބަލިޖެހި ރަނގަޅުވިތާ މަސްތަކެއް ފަހުން އަނެއްކާވެސް ބަލި ހުރި ކަމަށް ދައްކަނީ މަރުވެފައިވާ ވައިރަސްގެ ޕާޓިކަލްތައް ހަށިގަނޑުގައި ހުންނާތީ ކަމަށެވެ. އަދި އެ ގޮތަށް ޕޮޒިޓިވް ކަމަށް ދައްކާ މީހުންގެ ފަރާތުން ބަލި ނުފެތުރޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ބަލިޖެހި ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސްގެ ލެެވެލް މަސްތަކެއް ފަހުން ދަށަށް ދެ އެވެ. މި ގޮތަށް އެންޓިބޮޑީސް ދަށަށް ދިއުމުން ބަލިން ދިފާއުވެވޭނެ ބާރު ނެތި، ދެ ވަނަ ފަހަރަށް ބަލިޖެހުން އެކަށީގެންވާ ކަމަށެވެ.