15 އޯގަސްޓް 2020 - 11:52

ޖެނީވާ (އޮގަސްޓް 15) - ކާބޯތަކެތީގެ ޒަރީއާ އިން ކޮރޯނާވައިރަސް އަރައިފާނެތީ ބިރު ނުގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފި އެވެ.
ޑަބްލިއުއެޗްއޯ އިން މި އިލްތިމާސްކުރި އިރު ވަނީ ބްރެޒިލުން ޗައިނާ އަށް އެތެރެކޮށްފައިވާ ޗިކަން ވިންގު ޕެކެޓުތަކެއްގެ ބޭރުން ނެގި ސާމްޕަލް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޝެންޒެން ސިޓީން ވައިރަސް ފެނިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިން ކުކުޅު ޕެކެޓްތަކުގެ ސާމްޕަލް ޓެސްޓް ކުރުމުން ކަމަށެވެ. އެ ޕެކެޓްތަކާ ގުޅުން ހުރި މީހުން ސްކްރީން ކުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.
ޗައިނާގެ އިރުމަތީ ޕްރޮވިންސަކުން ވެސް ބުރާސްފަތި ދުވަހު ބުނެފައި ވަނީ އިކުއެޑޯ އިން އެތެރެކޮށް، ރެސްޓޯރެންޓުގެ ފްރީޒަރުގައި ބަހައްޓާފައި ހުރި ޝްރިމްޕް ޕެކެޓްތަކެއްގެ ސާމްޕަލުން ވެސް ވައިރަސް ފެނިފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އެއީ ބިރުގަންނަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި ކާބޯތަކެތީގެ ޒަރީއާ އިން ނޭވާލާ ނިޒާމުގެ ބަލިތައް ޖެހޭކަން އެނގެން ނެތް ކަމަށެވެ.
"މީހުން މިހާރު ވެސް ކޮވިޑް-19އާ މެދު އެކަށީގެންވާ މިންވަރަކަށް ބިރުގަނެފި. އެކަމަކު ކާބޯތަކެއްޗާއި އެ ތަކެތީގެ ޕެކިން ނުވަތަ ޕްރޮސެސިން އާއި ޑެލިވަރީއާ މެދު ބިރުގަންނާކަށް ނުޖެހޭ. ކާބޯތަކެއްޗާ ނުވަތަ ފުޑް ޗެއިންގެ ޒަރީއާ އިން މި ވައިރަސް ފެތުރޭކަމުގެ ހެއްކެއް އަދި ލިބިފައެއް ނުވޭ،" ޖެނީވާގައި ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސެއްގައި ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ގްރޫޕުގެ ވެރިޔާ ވިދާޅުވީ ޗައިނާގެ ފުޑް ޕެކޭޖިންގެ ބޭރުން ވައިރަސް ފެނިފައިވާ ކަމަށް ބުނާ ރިޕޯޓްތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްގަމު މަހުން ވައިރަސް ފެނުނު ނަމަވެސް އެތަކެތި ރަނގަޅަށް ކައްކައި، ރޯފިލުވައިގެން ބޭނުން ކުރާ ނަމަ ވައިރަސް މަރުވާނެ ކަމަށެވެ.