މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދު ހެދިން: އޭސީސީ
މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދު ހެދިން: އޭސީސީ

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދަންޖެހޭ ގަވާއިދު ހަދާފައިވާ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.

ޖުލައި، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާގޮތުން، ތަހުގީގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ތިން މަސް ތެރޭގައި ހަދަން ޖެހެ އެވެ. އެ ގަވާއިދު އޭސީސީން ނަހަދާ ކަމަށް ބުނެ އާންމު ފަރާތަކުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ގަވާއިދު ހެދީ އެ ކޮމިޝަނުން ކަމަށެވެ. އެގޮތުން އޭޕްރީލް، 2017 ގައި އެ ކޮމިޝަންގެ އާންމު ގަވާއިދު އެކުލަވައިލި ކަމަށާއި އާ މެމްބަރުން މިދިޔަ އަހަރު އައްޔަން ކުރުމުން އެ ގަވާއިދު ރިވިއު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

އޭސީސީން އެ ބަޔާނުގައި އެގޮތަށް ބުންޏަސް، އެ ކޮމިޝަނުން އެ ހަވާލާދޭ އެ ކޮމިޝަންގެ އާންމު ގަވާއިދު ބުނާގޮތުން، އެއީ އޭސީސީގެ ގާނޫނުގެ ދަށުން ހެދި ގަވާއިދެކެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ އެ ގަވާއިދުގައި ހަވާލާދީފައި ނުވާއިރު، އެ ގަވާއިދު ހަދާފައިވަނީ ވެސް ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންނެވެ. އާންމު އުސޫލަކީ ގާނޫނެއްގެ ދަށުން ގަވާއިދެއް ހަދާ ނަމަ، އެ ގާނޫނަކާ ހަވާލާ ދިނުމެވެ.

މީގެ އިތުރުން އޭސީސީގެ އެ ބަޔާނުގައި ރަނގަޅު ނޫން މައުލޫމާތުތަކެއް ވެސް ހިމަނާފައިވެ އެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށީ ޖެނުއަރީ، 2017 ގައި ކަމަށް އޭސީސީން ބުންޏަސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ ޖުލައި، 2017 ގަ އެވެ. ގަވާއިދު ހަދަން ޖެހޭ މުއްދަތު އޭޕްރީލް، 2017 އަށް ހަމަވި ކަމަށް އެ ބަޔާނުގައި އޮތަސް، އެ މުއްދަތު ހަމަވީ އޮކްޓޫބަރު، 2017 ގަ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ގާނޫނުގައި ބުނާ މުއްދަތުގައި ހެދީ ޕީޖީ އޮފީހުން އެކަންޏެވެ. ސުޕްރީމް ކޯޓާއި ފުލުހުން ހަދަންޖެހޭ ގަވާއިދުތައް ވެސް ހެދީ އެ މުއްދަތު ހަމަވި ފަހުންނެވެ.