ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުން ޑރ. ނަޒްލާ ކަރަންޓީނަށް
ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުން ޑރ. ނަޒްލާ ކަރަންޓީނަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކަރަންޓީގައި މަޑުކުރައްވަން ޖެހިވަޑައިގެންފި އެވެ.

އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އޭނާގެ ތިމާގެ މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން އެ އިދާރާގެ އުސޫލުތަކުގެ ދަށުން އޭނާ ގޭގައި ކަރަންޓީގައި މަޑުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު އެޗްއީއޯސީގެ މީޑިއާ ބްރީފިންތައް ގޭގައި ހުންނަވައިގެން ކުރިއަށް ގެންދަވާނެ ކަަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ އަކީ ރާއްޖެ އިން ކޮވިޑް ފެނުމުގެ ކުރިން ފެށިގެން ކަމާ ގުޅޭ ތައްޔާރީތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް އޮފިޝަލެވެ. އޭނާ ބޮޑަށް ޚާއްސަ ވެފައި ވަނީ ކޮވިޑް އޮޕަރޭޝަންގައި ކޮންޓެކްޓް ޓްރޭސިން އަށެވެ. އޭގެ އިތުރުން ކޮވިޑާ ގުޅޭ މައުލޫމާތު އެއް ކުރެއްވުމާއި ހާލަތަށް އަންނަ ބަދަލު ދިރާސާ ކުރެއްވުމުގައި ޑރ. ނަޒްލާގެ ދައުރު ވަރަށް ބޮޑެވެ.

ކޮވިޑާ ގުޅިގެން ކުރިން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވައިލުމާ އެކު، ދެން އުފެއްދި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ސަރުކާރުން މިދިޔަ ޖުލައި 4 ގައި އައްޔަން ކުރީ ޑރ. ނަޒްލާ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމުން ރާއްޖޭގައި ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކުން ވެސް އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.