ގާނޫނު ލާޒިމްކުރާ ގަވާއިދު އޭސީސީން ނަހަދާ މައްސަލަ މަޖިލީހަށް
ގާނޫނު ލާޒިމްކުރާ ގަވާއިދު އޭސީސީން ނަހަދާ މައްސަލަ މަޖިލީހަށް

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަދާފައި ނުވާތީ އެ ކޮމިޝަންގެ މެެމްބަރުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖުލައި، 2017 ގައި އަމަލުކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާގޮތުން، ޖިނާއީ ތަހުގީގުތައް ހިންގުމާ ގުޅޭ ގަވާއިދުތައް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި ހަދަން ޖެހޭނެ އެވެ. އޭސީސީއަކީ ވެސް ޖިިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބޭ މުއައްސަސާއަކަށް ވާތީ، އެ ކޮމިޝަނުން ވެސް އެ ގަވާއިދު ހަދަން ޖެހެ އެވެ. ތިން އަހަރުވީއިރު ވެސް އެ ކޮމިޝަނުން މިހާތަނަށް އެ ގަވާއިދު ހަދާފައެއް ނުވެ އެވެ.

އެ މައްސަލަ ބަލައިދޭން އެދި މަޖިލީހަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުވާފައިވާ ސިޓީގައި ވަނީ އޭސީސީގެ މިހާރުގެ މެމްބަރުން މަގާމުގައި ތިއްބަވާތާ 11 މަސް ފާއިތުވެފައި ވީއިރު ވެސް، އެ ގަވާއިދު ހަދާފައި ނުވާތީ އެކަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، ފިޔަވަޅު އަޅައިދޭން އެދޭ ކަމަށެވެ.

އޭސީސީން އެ ގަވާއިދުތައް ނެހެދުމަކީ ގާނޫނުލް އުގޫބާތު އޮތްގޮތުން އެ ކޮމިޝަންގެ މެމްބަރުން ކުރި ކުށެއް ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަނުން ކުރާ ތަހުގީގުތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ގަވާއިދުތައް ހެދުމަށް ދިން ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދު ހެދީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަންޏެވެ. ޝަރީއަތް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓާއި ފުލުހުން ހަދަންޖެހޭ ގަވާއިދު ވެސް ހެދީ ގާނޫނުގައި މުއްދަތު ހަމަވި ފަހުންނެވެ. ހިއުމަން ރައިޓްސް ކޮޮމިޝަނުން އަދިިވެސް އެ ގަވާއިދު ހަދާފައި ނުވާތީ އެ ގަވާއިދު ހެދުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދާދި ފަހުން އެންގެވި އެވެ.

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ތަހުުގީގު ކުރަމުންދާ އޭސީސީން ގާނޫނު ލާޒިމް ކުރާ ގަވާއިދު ނަހަދާ އޮތްއިރު، އޭސީސީގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހިގެން މަޖިލީހުގެ ކޮމިޓީތަކަށް އެ ކޮމިޝަންގެ މެމްބަރުން ދާދި ފަހުން ވެސް ހާޒިރުކުރި އެވެ.