ޔާމީނަށް އަލަށް ކުރާ ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
ޔާމީނަށް އަލަށް ކުރާ ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިދިޔަ ޖޫން މަހު ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފަ އެވެ. އެ ދައުވާ ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކަމަށް ބުނެ އެވެ.

އެ ދެ މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެ ކޯޓުގެ ޝަރީއަތްތައް އާންމުކޮށް، މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮޮށެވެ. އެކަމަކު، ޔާމީންގެ ޝަރީއަތް ބާއްވަނީ އޮންލައިންކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ތާވަލް ކޮށްފައި އޮތީ ގާޒީ އަހުމަދު ޝަކީލްގެ ސެކްޝަންގަ އެވެ.

ޔާމީންގެ މައްޗަށް ފަހުން ކުރި ދެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ހަމަޖެއްސިއިރުު، އެ މަނިކުފާނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މީރާއަށް އަންގައިފަ އެވެ.