25 އޮކްޓޯބަރ 2016 - 11:30

ރޯމް، އިޓަލީ (އޮކްޓޯބަރު 25) - ޔޫރަޕިއަން ގޯލްޑަން ބޯއީގެ އެވޯޑް ބަޔާން މިއުނިކަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހާސިލްކޮށްފި އެވެ.
ޔޫރަޕުގެ އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ސަންޗޭސްގެ އިތުރުން ވާދަކުރި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑާއި އޭސީ މިލާނުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އަދި ބަޔާން މިއުނިކުގެ ފްރާންސް މިޑްފީލްޑަރު ކިންގްސްލީ ކޯމަން ހިމެނެ އެވެ.
މިއީ އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސް ޓުޓޯސްޕޯޓްސް އިން 2003 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި މަގާމަށް ކުޅުންތެރިން ހޮވަނީ ޔޫރަޕުގެ ފާހަގަކޮށްލެވޭ ކުޅިވަރު ނޫސްވެރިންގެ ވޯޓަކުންނެވެ.
ސަންޗޭސް ވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފަ އެވެ. އޭނާ އަކީ މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެ އެވެ.
ޕޯޗުގަލްގެ ބެންފީކާ އިން 27 މިލިއަން ޕައުންޑަށް ޖަރުމަނުގެ ބަޔާނަށް ބަދަލުވެ އޭނާ ވަނީ އެ ކްލަބަށް އަށް މެޗު ކުޅެދީފަ އެވެ.
މި އެވޯޑް ކުރިން ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑުގެ ވޭން ރޫނީ އާއި ބާސެލޯނާގެ ލިިއޮނަލް މެސީ އާއި ސްޕެއިނުގެ ސެސް ފެބްރިގާސް އާއި އިޓަލީގެ މާރިއޯ ބަލޮޓެލީ އާއި ބްރެޒިލްގެ ޕަޓޯގެ އިތުރުން ފްރާންސުގެ ޕައުލް ޕޮގްބާ އަދި އިންގްލެންޑުގެ ރަހީމް ސްޓާލިން ހިމެނެ އެވެ.