ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 22 އަށް
ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 22 އަށް

ކޮވިޑް ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ރޭ މަރުވެއްޖެ އެވެ. މިއީ މިދިޔަ މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލީގައި މަރުވި 22 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 1:45 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 61 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.

ރޭ އިރާކޮޅު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 83 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު އޭނާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފައި ކަމަށް އެޗްއީއޯސީން ރޭ ބުންޏެވެ. އޭނާގެ ޓެސްޓު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެއީ އެ ބަލީގައި މަރުވި މީހެއް ކަމަކަށް އެޗްޕީއޭ އިން ނުނިންމަ އެވެ.

މި މަސް ފެށުނު ފަހުން މިހާތަނަށް ރާއްޖޭގައި ވަނީ ކޮވިޑް ޖެހިގެން ހަ ދިވެއްސަކު މަރުވެފަ އެވެ. އޭގެ ތެރެއިން ގިނައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ މީހުންނެވެ. ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް އެންމެ ގިނަ މީހުން އެޑްމިޓު ކޮށްފައި ވަނީ ވެސް އެ ތަނުގަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 5،494 މީހަކަށް ކޮވިޑް ޖެހި 2،920 މީހަކު ރަނގަޅުވެފަ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް އެ ބަލީގައި މިހާރު ވެސް 2،553 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލްތަކުގައި މިހާރު 156 މީހަކު ވަނީ އެޑްމިޓު ކޮށްފަ އެވެ. މި ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެންނަމުން ދަނީ މާލެ ސަރަހައްދުންނެވެ. އެއީ އޭޕްރީލް 15 އިން ފެށިގެން ހަލުވިކަމާ އެކު ކޮވިޑް ބަލީގެ މީހުން ފެންނަމުންދާ ސަރަހައްދެވެ.