13 އޯގަސްޓް 2020 - 22:56

އިއްޔެ ހަވީރުން ފެށިގެން މިއަދު ހަވީރުގެ ނިޔަލަށް 128 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. އެޗްޕީއޭ އިން ދެންމެ އާންމު ކުރި ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 128 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި 83 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 35 މީހަކާއި ނޭޕާލްގެ 2، އިންޑިޔާގެ 4 އަދި ލަންކާގެ 4 މީހެކެވެ. މި އަދަދުތަކާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދަކީ 5494 އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުން ދާތީ ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. މާސްކް އަޅަން މަޖުބޫރު ކުރުމާއި އާންމުކޮށް މީހުން ބޭރަށް ނުކުމެ އުޅެވޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މި ބަލީގައި މިހާތަނަށް 21 މީހަކު ވަނީ ރާއްޖެ އިން ވަނީ މަރުވެފަ އެވެ. މިރޭ ވެސް އުމުރުން ދުވަސްވީ މީހަކު މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެހެން ނަމަވެސް، އޭނާގެ މަރަކީ ކޮވިޑް ބަލީގެ މަރެއް ކަމަކަށް އަދި ނުނިންމަ އެވެ.