ކޮވިޑް-19 ގައިންގަޔަށް ނާރައޭ ބުނާ ދޮގު ވީޑިއޯއެއް!
ކޮވިޑް-19 ގައިންގަޔަށް ނާރައޭ ބުނާ ދޮގު ވީޑިއޯއެއް!

ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި މި ބަލި ޖެހޭ މީހުން އައިސޮލޭޓް ކުރުމާއި ބަލިން ރައްކާތެރިވާން ސޯޝަލް ޑިސްޓެންސިން އަކީ ބޭކާރު ކަންތައް ކަމަށް ބުނާ ވީޑިއޯއެއް، މި ލިޔުން ކިޔުމުގެ ކުރިން ކޮންމެވެސް މީހެއްގެ ފަރާތުން ލިބި އެ ވީޑިއޯ މިހާރު ބަލާފައި ވުން ވަރަށް އެކަށީގެންވެ އެވެ. އެ ވީޑިއޯގައި ބުނަނީ މިއީ މިހާރު ޑަބްލިޔު.އެޗް.އޯ އިން ކޮވިޑް-19 އާ މެދު ގަބޫލުކުރާ ގޮތް ކަމަށާއި ކުރިން ދެއްކި ހުރިހާ ވާހަކައެއް ބަދަލުވެއްޖެ ކަމަށެވެ. އެކަމަކު މިއީ ބޮޑު ދޮގެކެވެ.

ކޮވިޑް-19 ގައިންގަޔަށް ނާރައޭ ބުނާ ދޮގު ވީޑިއޯއެއް!
ކޮވިޑް-19 ގައިންގަޔަށް ނާރައޭ ބުނާ ދޮގު ވީޑިއޯއެއް!

ޑަބްލިޔު.އެޗް.އޯ އިން ކޮވިޑް-19 ގެ ކަންކަމަށް ހާއްސަކޮށްފައިވާ ޓެކްނިކަލް ޓީމުގެ ވެރިޔާ މަރީއާ ވެން ކެކޯފް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާތީ މި ވީޑިއޯގައި ފެންނާނެ އެެވެ. އޭނާ ވިދާޅުވީ ”މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބަލީގެ އަލާމާތް ނެތް މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުން ނާދިރު“ ކަމަށެވެ. މި ވީޑިއޯ ކްލިޕްގައި ކެޕްޝަންގައި ނުވަތަ ވީޑިއޯ އަށް އަރުވާ ލިޔުންތަކުގައި އޮންނަނީ ޑަބްލިޔު.އެޗް.އޯ އިން ކުރިން ދެއްކި ހުރިހާ ވާހަކައެއް ބަދަލުކޮށްފި ކަމަށާއި ބަލި ޖެހޭ މީހުން އައިސޮލޭޓްކުރުމާއި ކަރަންޓީނުކުރުމަކީ ކުރަންޖެހޭ ކަންތައް ނޫން ކަމަށެވެ. އަދި ގައިންގަޔަށް މި ބަލި ނާރާ ކަމަށާއި އެހެންވެ ސޯޝަލް ޑިސްޓެންސިންގެ ބޭނުމެއް ނެތް ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނާ ކަމަށް ވެސް ވީޑިއޯގެ ކެޕްޝަންތަކުގައި ބުނެ އެވެ.

ވީޑިއޯގައި ކެކޯފް އެ ވިދާޅުވާ ވާހަކަ އަކީ ބަލި ފެތުރެން ފެށިތާ ކުރީކޮޅު އޭނާ ވިދާޅުވި ވާހަކައެކެވެ. އެކަމަކު ފަހުން ވަނީ އެއީ މާނަ އޮޅޭ ގޮތަށް ދެއްކެވުނު ވާހަކައެއް ކަމަށް ވިދާޅުވެ ތަފްސީލް ދެއްވައިފަ އެވެ. ބަލި ފެތުރޭ ގޮތާއި ބަލި ޖެހޭ މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނަށް ޑަބްލިޔު.އެޗް.އޯ އިން އެއްވެސް ބަދަލެއް ނުގެނެ އެވެ.

"ކޮވިޑް-19 ގެ ވައިރަސް ހުރި މީހެއްގެ ގައިން އެހެން މީހުންނަށް ވައިރަސް އަރައި ބަލި ޖެހޭނެ. މި ބަލި ފެތުރޭ މައިގަނޑު ގޮތަކީ ކެއްސައި ކިނބިހި އަޅައި އަދި ވާހަކަ ދައްކާއިރު ނޭފަތާއި އަނގައިން ބޭރުވާ ކުޅުތިކިތައް އަނެއް މިހާގެ ހަށިގަނޑަށް ވާސިލްވުން." ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓުގައި، ކޮވިޑް-19 އާ ބެހޭ ސުވާލާއި ޖަވާބު ސޮފުހާގައި ލިޔެފައިވެ އެވެ.

އަދި މި ސަބަބަށްޓަކައި، ކޮވިޑް-19 އަށް ހުށަހެޅިފައި ނެތް މީހުންނާ ވެސް މަދުވެގެން އެއް މީޓަރުގެ ދުރުމިން ބަހައްޓައިގެން އުޅެން ޑަބްލިޔު.އެޗް.އޯ އިން ލަފާ ދީފައި އޮވެ އެވެ.

ވައިބަ އާއި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކުރަމުން މިހާރު އެ ގެންދަނީ މާ ކުރިން ދެއްކި، އެ ވާހަކައިގެ ހަގީގަތް ފަހުން ސާފުކޮށްދީފައިވާ ވާހަކައެއް އެކި މަންޒަރުތަކާ އެއްކޮށްގެން ހަދާފައިވާ އޮޅުވާލުމުގެ ވީޑިއޯއެކެވެ.