އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓު ނިމިއްޖެ
އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓު ނިމިއްޖެ

ބ. އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ ދުވާރުތަކުގެ ޑިޒައިންތައް ބަލައި ތާރު އެޅުމުގެ މަސައްކަތާއި މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ސްޓޯމް ވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި ގްރެވިޓީ ޕައިލް ނެޓްވޯކް އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. މި މަސައްކަތަށް 38.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާ ކޮށްފަ އެވެ.

އޭދަފުށީގެ އިތުރުން އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގުތައް ހެދުމާއި އެއާޕޯޓްތައް ތަރައްގީ ކުރުން ފާހަގަކޮށްލެވެ އެވެ.