13 އޯގަސްޓް 2020 - 15:54

އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިއްޔެ އެދިއްޖެ އެވެ.
އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައި އެކަންކަން ސާބިތުވާ ނަމަ އަދަބު ދިނުމަށާއި އާދަމް ހަލީމަށް ދީފައިވާ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން އަތުލުމަށް ގޮވާލައި ރައީސް އޮފީހާއި އެމްއެމްސީ އާއި ޕޮލިހާއި ހޯމް މިނިސްޓްރީ އަދި ޖެންޑަ މިނިސްޓްރީ އަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އޭގައި މީޑިއާގެ 19 ތަނެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ސޮއިކޮށްފައި ވެ އެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާދަމް ހަލީމްއާ ގުޅިގެން ހުށަހެޅި މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި ފުލުހާއި ޖެންޑާ މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
އެ ކައުންސިލުން ވަނީ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި މީޑީއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެ ކައުންސިލުން އަބަދު ވެސް ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.
ނޫސްވެރިންނަކީ ދުނިޔޭގައި ހިނގާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ވަގުތުން ފޯރުކޮށްދިނުމަށް ބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމުގައި، ދިވެހި އަންހެން ނޫސްވެރިން ވެސް މިއަދާ ހަމައަށް ދައްކާފައިވަނީ ތައުރީފު ހައްގު އަދި ނަމޫނާ މަސައްކަތްތަކެއް ކަމަށް ބުންޏެވެ. އެ މީހުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
މެދުނުކެނޑި އެފަދަ ތުހުމަތުތަކެއް އިވެމުންދިއުމަކީ ވެސް ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
"މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތުގައި މީޑީއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ކައުންސިލުން އަބަދު ވެސް ނޫސްވެރިންނާ ނުހަނު ގާތުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި ތަހުގީގީ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރަމުންދާގޮތް މި ކައުންސިލުން ގާތުން ބަލަމުންދާނެކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
އެ މައްސަލައިގައި ނިންމާ ނިންމުންތަކާ ގުޅިގެން ގާނޫނީގޮތުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތްކޮށް، ކައުންސިލުން އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެކަން ކުރަން ފަސްނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ޖިންސީ އަނިޔާ އާއި ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ނޫސްވެރިން ވެސް ސާބިތުކަމާއެކު ތެދުވުމަށާއި އެފަދަ މައްސަލަތަކުގައި އެއްބައިވަންތަކާއި އެއް ރޫހެއްގައި މަސައްކަތްކުރުން މަތީ ދެމިތިބުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.