13 އޯގަސްޓް 2020 - 13:56

ކޮވިޑް-19ގެ ސަބަބުން ހާލުގައިޖެހުނު މީހުންނަށް ޖެންޑާ މިނިސްޓްރީން އިންތިޒާމްކުރި ވަގުތީ ހިޔާތަކުގައި ތިބި އާއިލާތަކުގެ ތެރެއިން އެ ތަނުގައި މިހާރު ތިބި އެންމެ ފަހު އާއިލާގެ ހާލަތު ރަނގަޅުވުމުން ވެސް އެ ތަނުން ނުކުންނަން ދެކޮޅު ހަދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުުމުން އިއުލާންކުރި ލޮކްޑައުންގައި މާލޭގައި ތާށިވި މީހުންނާއި، އިގްތިސާދީ ހާލަތުގެ ގޮތުން ވަންނާނެ ދާއިމީ ބޯހިޔާވަހިކަމެއް ނެތުނު މީހުންނަށް ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
އެ މިނިސްޓްރީން ހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އެމީހުންނަށް އަމިއްލަ ރަށަށް ދެވޭނެ އިންތިޒާމު ހަމަޖެހި ދާއިމީ ބޯހިޔާވަހިކަން ހަމަޖެހެންދެން ކަމަށެވެ. މިނިސްޓްރީން ބުނީ ހިޔާގައި މިހާރު ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ 13 މީހަކު ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ.
ނަމަވެސް މިދިޔަ މަހު 1 ގައި ލޮކްޑައުން އަށް ލުއިތައް ދީ ހުޅުވާލުމާ އެކު މިނިސްޓްރީން މިހާރު ވަނީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓާލަން ނިންމައިފަ އެވެ. މިހާރު ހިޔާގައި ތިބި އާއިލާގެ ހާލަތު ވެސް ރަނގަޅުވެފައި ވާތީ އެ މީހުންނަށް އެތަނުން އެހެން ތަނަކަށް ދިއުމަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މި ފަރާތްތަށް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ލޮކްޑައުން އަށް ލުއިތައް ދިނުމާ އެކު ވަގުތީ ހިޔާގެ ހިދުމަތް ހުއްޓާލަން ނިންމި ނަމަވެސް އެތަނުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ އާއިލާތައް ތިބުމުން ރަށަށްދާން ބޭނުން ނަމަ އެ އިންތިޒާމު ހަމަޖެއްސުމަށް އަދި އެހެން ގޮތެއް ބޭނުން ނަމަ އެގޮތެއް ހޯދުމުގެ ފުރުސަތު ވެސް މިއަދާ ހަމައަށް ދީފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންނަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވެ އެހީ ހޯދުމަށް ލަފާ ދީފައިވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ގިނަ ދުވަސް ވަންދެން މާލޭގައި އުޅެ ރަށަށް ދިއުމަށް އުޒުރުވެރިވާ އާއިލާތަކަށް އެހެން އިންތިޒާމެއް ހަމަޖެއްސުމަށް ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް ގޮތް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އަށް ދީފައިވާ އިމާރާތް އެ މިނިސްޓްރީ އަށް އަނބުރާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އުފެއްދި ވަގުތީ ހިޔާތަކުގައި 103 ފިރިހެނުންނާއި 144 އަންހެނުންގެ އިތުރުން އެއް މަސް ނުފުރޭ ހަ ކުދިންނަށް ބޯހިޔާވަހިކަން ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.