13 އޯގަސްޓް 2020 - 12:57

އޮކްލޭންޑް (އޮގަސްޓް 13) - ނިއު ޒީލެންޑުން ކޮރޯނާވައިރަހުގެ ލޯކަލް ޓްރާންސްމިޝަނެއް ނުފެންނަތާ 102 ދުވަސް ފަހުން، މިދިޔަ އަންގާރަ ދުވަހު އާ ކޭސްތަކެއް ފެނުމާ އެކު، އެ ކްލަސްޓާ ބޮޑުވާން ފަށައިފި އެވެ.
އެ ގައުމުގެ އެންމެ ބޮޑު ސިޓީ އޮކްލޭންޑުގެ އެއް އާއިލާއަކުން ހަތަރު މީހުން ޕޮޒިޓިވްވި ފަހުން މިހާތަނަށް ވަނީ 17 ކޭސް އަލަށް ފެނިފަ އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ އޮކްލޭންޑުން އެކަނި 13 ކޭސް ފެނިފައިވާ ކަމަށެވެ. އިއްޔެ އިން ފެށިގެން އޮކްލޭންޑް ވަނީ ތިން ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އެ ސިޓީގައި ޓެސްޓް ކުރުން އިތުރުކޮށްފައިވާ އިރު އޮފިޝަލުން މިހާރު މަސައްކަތް ކުރަނީ އަލަށް ފެނުނު ކޭސްތަކުގެ އޮރިޖިން ހޯދާށެވެ. އެހެންވެ ބައެއް އޮފިޝަލުން ލަފާކުރަނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފާނެ ކަމަށެވެ.
އަލަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ނިއު ޒީލެންޑުގެ އެންމެ ބޮޑު އެއް ހައި ސްކޫލުގެ ދަރިވަރަކު ހިމެނޭ ކަމަށް ބްލޫމްފީލްޑް ވިދާޅުވި އެވެ. އެ ސްކޫލްގައި 3،000 ދަރިވަރުން ކިޔަވަ އެވެ.
ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ އެންމެ ފަހުން ފެނުނު ކްލަސްޓާއާ ގުޅޭ އިތުރު ކޭސްތައް އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ބްލޫމްފީލްޑް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑަށް ފުޅާކޮށް ގިނަ ބަޔަކު ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެއީ ވަރަށް އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ނިއު ޒީލެންޑުން އެންމެ ފަހުން ވައިރަސް ފެނިފައި ވަނީ އެ ގައުމަށް އެތެރެކުރި މުދަލުގެ ބާވަތަކުންނެވެ. އަދި ކޫލް ރޫމެއްގައި މަސައްކަތް ކުރާ މީހަކަށް ވައިރަސް އަރައި، އެ މީހާގެ ފަރާތުން އާއިލާގެ އެހެން މީހުންނަށް ބަލި ޖެހުނީ ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއް ބަޔަކު ލަފާކުރަނީ ކަރަންޓީން ފެސިލިޓީއަކުން ވައިރަސް ފެތުރުނީ ކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް ފަސް މިލިއަން މީހުން ހިމެނޭ ނިއު ޒީލެންޑުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 1,589 މީހުންނެވެ. އެ ގައުމުން މަރުވީ 22 މީހުންނެވެ.