ކަރަންޓީންކުރުމުގައި އިސްކަން ދޭނެ މީހުން ކަނޑައަޅައި އުސޫލެއް ހަދައިފި
ކަރަންޓީންކުރުމުގައި އިސްކަން ދޭނެ މީހުން ކަނޑައަޅައި އުސޫލެއް ހަދައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކަރަންޓީން ކުރުމުގައި އިސްކަންދޭނެ މީހުން ކަނޑައަޅައި އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަވަހަށް އެކަހެރިކުރަން ޖެހޭ ކަމަށާއި ބަލި ޖެހުމުގެ ސަބަބުން ވާނެ ނުރައްކާ ކުޑަކުރުމަށްޓަކައި އެފަދަ މީހުން ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ގެންދަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

- އުމުރުން ދުވަސްވީ މީހުން (60 އަހަރުން މަތީ މީހުން)

- ކޮވިޑް ޖެހުމުން ނުރައްކާ ވާނެ ފަދަ ބައްޔަކަށް ފަރުވާ ހޯދާ މީހުން (ހަކުރުބަލި، ކިޑްނީ ބަލި، ހިތުގެ ބަލި)

- އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހުމުން ނުރައްކާވާނެ ފަދަ ބައްޔަކަށް ފަރުވާ ހޯދަ މީހުންނާ އެކު ދިރިއުޅޭ މީހުން

ކޮވިޑަށް ޕޮޒިޓިވްވުމުން އަމަލުކުރާނެ ގޮތް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.

ކޮވިޑަށް ޕޮޒިިޓިިވް ވެއްޖެކަން ގެއިން ބޭރުގައި ހުއްޓާ އެނގިއްޖެ ނަމަ، މާސްކު އަޅައިގެން ވީހާ ވެސް އަވަހަކަށް ގެއަށް ދާން ޖެހޭނެ ކަމަސާއި އެހެން މީހަކު ދުއްވާ ވެހިކަލެއްގައި ދިއުމުގެ ބަދަލުގައި އެންމެ ރަނގަޅީ އަމިއްލަ ހިނގާފައި ދިއުން ކަމަށް އޭގައިވެ އެވެ. ގެއަށް ދިއުމަށް ފަހު ވަކި ކޮޓަރިއެއްގައި އެކަހެރިވުމަށާއި ވަކި ކޮޓަރިއެއް ނެތް ނަމަ، އެހެން މީހުންނާ ވަކިން ދުރުގައި ހުންނަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެފަދަ ހާލަތެއްގައި އެންމެން ވެސް ސާޖިކަލް މާސްކު އަޅަން ޖެހޭނެ އެވެ.

ޕޮޒިޓިވް ވެއްޖެކަން ގޭގައި ހުއްޓާ އެނގިއްޖެ ނަމަ، ވަކި ކޮޓަރިއެއްގައި ނުވަތަ ގޭގައި އުޅޭ މީހުންނާ ދުރުގައި ވަކިން ހުންނަން އުސޫލުގައިވެ އެވެ. ވަކި ކޮޓަރިއަކަށް ނުދެވޭ ނަމަ މި ހާލަތުގައި ވެސް އެންމެން މާސްކު އަޅަން ޖެހޭނެ އެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުން އުޅޭ ތަންތަނާއި ބޭނުންކުރާ ތަކެތި ސާފުކުރާނެ ގޮތް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އުމުރުން ދުވަސްވީ ނުވަތަ ހައި ރިސްކު މީހަކާ އެއް ގެއެއްގައި އުޅޭ ނަމަ، އެއްވެސް ގޮތަކަށް އެއް ފާހަނައެއް ބޭނުން ނުކުރަން ވަނީ ބުނެފަ އެވެ.

އުސޫލުގައިވާ ގޮތުން، ފެސިލިޓީއަކަށް ގެންދަން އައުމުން އިންކާރު ނުކޮށް ދިއުމަކީ ޕޮޒިޓިވްވާ މީހާގެ ޒިންމާއެކެވެ. އާއިލާއިން އަދާކުރަން ޖެހޭ ޒިންމާގެ ތެރޭގައި އޭނާއާ މެދު ކެތްތެރިކަމާ އެކު ކަންތައް ކުރުމާއި އޭނާ ބާކީ ނުކުރުން ހިމެނެ އެވެ.

މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމާއި ބޭނުންކުރާ ތަކެއްޗާއި ގޭތެރެ ޑިސްއިންފެކްޓެކްޓް ކުރާނެ ގޮތް ވެސް މި އުސޫލުގައި ވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތައް ލުއިދޭން ފެށުމުން ބަލި ފެތުރޭ ވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އައިސީޔޫގައި ނުވަ މީހަކަށް މިވަގުތު ފަރުވާދެމުންދާ ކަމަށް އެޗްއީއޯސީ އިން ރޭ ބުންޏެވެ. މިހާތަނަށް 5،366 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު މަރުވެފައި ވަނީ މި މަސް ތެރޭގަ އެވެ.