13 އޯގަސްޓް 2020 - 13:45

ރާއްޖޭގެ ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގައިވާއިދަށް ގެނައި ބަދަލާ އެކު، އަންނަ ހޯމަ ދުވަހުން ފެށިގެން ހިދުމަތް ދެވޭނީ ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ޝިޕިން އޭޖެންޓުންނަށް އެކަނި ކަމަށާއި އެހެންވެ ރަޖިސްޓްރީކުރި ކަމުގެ ލިޔުން ހުށަހަޅަން ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އުޅަނދުތަކުގެ އޭޖުންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން، ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީކުރި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިތާރީހުގެ ފަހުން އެ އިދާރާ އިން ލައިސެންސް ހޯދާ އޭޖެންޓުން ވެސް އެ އޮތޯރިޓީގައި ރަޖިސްޓްރީކުރި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އޭޖެންޓުން ރަޖިސްޓްރީވާންޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި މިވަގުތު އޮޕަރޭޓުކުރާ ހުރިހާ އޭޖެންޓުންނަށް ރަޖިސްޓްރީވުމުގެ ގޮތުން އެއް މަސްދުވަހުގެ މުއްދަތެއް އެ އޮތޯރިޓީން ވަނީ ދީފަ އެވެ.
މި ބަދަލު ގެނެސްފައިވަނީ އޭޖެންސީތަކުން އެކި ނަންނަމުގައި ފީތައް ނަގާތީ އެކަން ހައްލު ކުރުމަށެވެ. އެހެންޖަމުން އާ ގަވާއިދުގެ ދަށުން ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފްރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފްރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް، އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ޝިޕިން އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރަށް ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަން ޖެހޭނެ އެވެ.