13 އޯގަސްޓް 2020 - 13:04

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސޮލޭޝަނަށް ނުގެންދެވި މިހާރު ވެސް ގޭގޭގައި 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކުގައި މި ވަގުތު 1،526 މީހުން އެބަތިބި ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން ރޭގެ 6 އާ ހަމައަށް 85 މީހުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ ފެސިލިޓީތަކަށް ނުގެންދެވި މި ވަގުތު 334 މީހަކު އެބަތިބި ކަމަށެވެ.
އޭނާ ވިދާޅުވީ ދުރުގައި ހުންނަ ފެސިލިޓީއަކަށް ގެންދެވެނީ ފަހަރަކު ވަކި ވަރަކަށެވެ. މޫސުން ގޯސްވެއްޖެ ނަމަ އެ އަދަދު ވަރަށް މަދުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މޫސުން ގޯސްވުމުން ދަތުރުކުރަން ބައެއް މީހުން ދެކޮޅު ހެދުމުގެ އިތުރުން އާއިލާގެ އެހެން މީހުންގެ ނަތީޖާ ލިބެންދެން ފެސިލިޓީ އަށް ނުގޮސް ގޭގައި މަޑުކުރަން ބޭނުން މީހުން ވެސް އުޅޭ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވިގޮތުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާ އެކު ބައެއް ގޭގައި ހައިރިސްކް މީހުން ވެސް ތިބެ އެވެ. އެހެންވެ، އެ މީހުން ގޭގައި ބޭތިއްބުމުގެ ބަދަލުގައި، ބަލީގެ ނުރައްކާ އޮތް މީހުން ވީހާ ވެސް އަވަހަކަށް ފެސިލިޓީ އަށް ގެންދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އަމިއްލަ އަށް ގޭގައި ކަރަންޓީން ވެވޭ މީހަކަށް ވިއަސް އުމުރުން ދުވަސްވީ މީހެއް ނަމަ އަވަހަށް އައިސޮލޭޝަނަށް ގެންދަން މަސައްކަތްކުރާ ކަމަށެވެ. މިދިޔަ އޭޕްރީލް 15 ގައި މާލޭގައި ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 21 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
"މި ބަލި ޖެހިގެން ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެވިފައި ނޫނީ ބަލީގައި ނިޔާވެފައި މި ތިބީ ވެސް ގިނައިން އުމުރުން ދުވަސްވީ ފަރާތްތަކާ އަދި އެހެނިހެން ބަލި ޖެހުނީމާ ކޮމްޕްލިކޭޝަންސް އަންނަ ކަހަލަ ނޫނީ ގިނަ ދުވަހަށް ފަރުވާ ކުރާ ބަލިތައް ހުންނަ ފަރާތްތައް. ހާއްސަކޮށް މިކަހަލަ ފަރާތްތައް ވިއްޔާ އަޅުގަނޑުމެން މިހާރު ފެސިލިޓީއަކަށް ގެންދަން އެބަ މަސައްކަތްކުރޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އޭގެ ބޭނުމަކީ އެއްވެސް ވަރަކަށް ހާލަތު ދަށްވިއަސް ހަމަ ވީހާ ވެސް އަވަހަކަށް އެ ފަރާތްތަކަށް އެޓެންޑުކުރުން."
ކޮވިޑަށް ޕޮޒިޓިވް މީހުން ގޭގައި ކަރަންޓީން ވާން ނުވަތަ އައިސޮލޭޓް ކުރުމާ ގުޅޭގޮތުން ވަކި ނިންމުމެއް ނެތް ކަމަށާ އަދި ވެސް ބަލަނީ އިތުރު ފެސިލިޓީތައް ހޯދައި، އެ ތަންތަނަށް މީހުން ގެންދަން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޝަނަށް ގެންދިއުމާއި ޓެސްޓުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަމުގެ ޝަކުވާ ބޮޑެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ލަސްކަން ކުރިމަތިވީ ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން ހިންގި މަސައްކަތް ހަމައެކަނި އެޗްއީއޯސީއަށް ބަދަލުކުރުމުން ނޫން ކަމަށެވެ.
ބަލިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް މިދިޔަ މަހު ބޮޑެތި ލުއިތަކެއް ދިނުމުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް މިހާރު ދަނީ ޕޮޒިޓިވްވަމުންނެވެ. މައްސަލަތައް ދިމާވަނީ ކުއްލިއަކަށް އެހާ ގިނަ މީހުން ކޮވިޑުން ޕޮޒިޓިވްވަމުންދާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ރަނގަޅު ކުރަން އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.