ލައިންސަންސް ކާޑުގެ ފޮޓޯއަކަށް ހުސް ގޮނޑިއެއް!
ލައިންސަންސް ކާޑުގެ ފޮޓޯއަކަށް ހުސް ގޮނޑިއެއް!

އެމެރިކާގެ ޒުވާން އަންހެނެއްގެ ލައިސަންސް ކާޑު އާކުރަން އޮންލައިންކޮށް ހުށަހަޅައިގެން ކާޑު ލިބުނު އިރު، އޭގެ ފޮޓޯއަކަށް ހުސް ގޮނޑިއެއް ހުރުމުން މަޖާ ކަމަކަށް ވެއްޖެ އެވެ.

ޓެނެސީ އަށް ނިސްނަތްވާ ޖޭޑް ޓޮޑް، 25، ބުނި ގޮތުގައި އޭނާގެ ކާޑު އާކުރީ ހިކްމަން ކައުންޓީގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ގައި ކާޑު ލިބުމުން އުފާވި ނަމަވެސް ކާޑުގައި އަމިއްލަ ފޮޓޯ އިންނަން ޖެހޭ ތަނުގައި ހުސް ގޮނޑިއެއް އިނުން ވަރަށް އާދަޔާހިލާފު ކަމަކަށް ވެފައިވާ ކަމަށް ބުންޏެވެ.

ޖޭޑް ބުނީ މިއީ ކިހިނެއް ދިމާވި ކަމެއްކަން ސާފުނުވާ ކަމަށާއި ކާޑު އާ ކުރަން އޭނާ ފޮޓޯ ވެސް ނެގި ކަމަށެވެ. އަދި އަމިއްލަ ފޮޓޯގެ ބަދަލުގައި ކާޑުގައި ގޮނޑިއެއް އިނުމަކީ ފުރަތަމަ މަޖާ ކަމަކަށް ވިޔަސް އެއީ އަސްލު ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންވެ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް އޭނާ އެންގި އެވެ.

މިކަމާ ގުޅިގެން ޓެނެސީގެ ސޭފްޓީ އެންޑް ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ވެޒް މޮސްޓާ ވިދާޅުވީ ޖޭޑްގެ ލައިސަންސް ކާޑު ދޫކުރި އިރު، ބޮޑު ގޯހެއް ހެދުނީ ސިސްޓަމަށް ފޮޓޯ ސޭވްކުރުމުގައި އެރި މަޅިއެއްގެ ސަބަބުން ކަމަށެވެ.

"މިކަން މެދުވެރިވީ ސިސްޓަމަށް ދިމާވި މައްސަލައަކާ ހުރެ ޖޭޑްގެ ފޮޓޯނެގި އިރު، ސޭވްކުރެވިފައި އިނީ އެންމެ ފަހުން ނެގުނު ފޮޓޯ އަށް ވާތީ. އެހެންވެ ހުސްގޮނޑި އަރާފައި އިނީ،" އޭނާ ވިދާޅުވި އެވެ.

ވެޒް ވިދާޅުވީ ޖޭޑްގެ ފަރާތުން ކާޑުގެ މައްސަލައިގައި ޝަކުވާ ލިބުމާ އެކު މައްސަލަ ހައްލުކޮށް އޭނާ އަށް މިހާރު ކާޑު އަލުން ދޫކޮށްފައިވާ ކަމަށެވެ.

ޖޭޑް ބުނީ އޭނާގެ ލައިސަންސް ކާޑަށް ދިމާވި މައްސަލަ، މަސައްކަތްކުރާ އޮފީހުގެ މީހުންނާ ހިއްސާކުރުމުން އެ މީހުންނަށް އެކަން ވަރަށް މަޖާވެގެން އުޅުނު ކަމަށެވެ.

"އޮފީހުގެ ވެރިޔާ ވެސް ލައިސަންސް ކާޑު ފެނިގެން ވަަށް ދިމާކުރި،" ޖޭޑް ބުންޏެވެ.

ފޮޓޯއަކަށް ހުސް ގޮނޑިއެއް އިން ލައިންސަންސް ކާޑުގެ ވާހަކަ ޖޭޑް ފޭސްބުކްގައި ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު، މަޖާ ކޮމެންޓްތައް ވެސް ކޮށްފައިވެ އެވެ.