ގެއްލުނު ބައި އަންނަ އަހަރު ފުރިހަމަކޮށް ދިރާސީ އާ އަހަރު އޮގަސްޓް 10 ގައި
ގެއްލުނު ބައި އަންނަ އަހަރު ފުރިހަމަކޮށް ދިރާސީ އާ އަހަރު އޮގަސްޓް 10 ގައި

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރުމުގެ ސަބަބުން ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު އަންނަ އަހަރުގެ އޮގަސްޓް 10 ގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ގެނައި ބަދަލުތައް ހިއްސާކޮށް އެ މިނިސްޓްރީން އާއްމުކުރި އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، މުޅި މި އަހަރު ބަލާފައިވަނީ އެއް ޓާމުގެ ގޮތުގަ އެވެ. ޖެނުއަރީ 12 ގައި މި އަހަރުގެ ދިރާސީ އާ އަހަރު ފެށިއިރު، މި އަހަރުގެ ފުރަތަމަ ޓާމު ނިމޭނީ، އަންނަ ޑިސެމްބަރު 3 ގަ އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން، މެއި 21 ގައި ފުރަތަމަ ޓާމު ނިމޭނެ އެވެ. އެއަށްފަހު މެއި 31 އިން ޖޫން 11 އަށް ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު ޖޫން 14 ގައި ދެ ވަނަ ޓާމު ފަށާނެ އެވެ. މި އަހަރުގެ ދިރާސީ އަހަރު ނިންމާލަން ހަމަޖައްސާފައި އޮތީ ޑިސެމްބަރު 3 އަށެވެ.

ސްކޫލުގައި ކިޔަވައިދިނުން އާއްމު އުސޫލުން ކުރިއަށްގެންދަނީ ދެ ޓާމަކަށް ބަހާލައިގެންނެވެ. ޖެނުއަރީގައި ދިރާސީ އާ އަހަރު ފެށުމަށްފަހު ފުރަތަމަ ޓާމުގެ ބަންދަށް ފަހު ދެ ވަނަ ޓާމު އާއްމުކޮށް ފަށަނީ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީގައި ކިޔަވައިދޭން ފެށުމަށްފަހު ކޮވިޑުން ރައްކާތެރިވުމަށް މާޗު 12ގައި ސްކޫލުތައް ބަންދުކުރި އެވެ.

އާ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10، 2021 ގަ އެވެ. ޖޫން 24، 2021 ވަންދެން ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ. ދެ ވަނަ ޓާމުގެ ޗުއްޓީ އަށް ފަހު، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.

އެ ބަދަލުތައް ގެނައުމުން ފުރަތަމަ ޓާމުގައި 198 ދުވަސް ވަންދެން ކިޔަވައިދެވޭނެ އެވެ. ދެ ވަނަ ޓާމުގައި ކިޔަވައިދޭނީ 113 ދުވަހެވެ.

ކޮވިޑުން ރައްކާތެރިވުމަށް، ރާއްޖޭގެ ތާރީހުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް ފަހު އަލުން ހުޅުވީ މިދިޔަ ޖުލައި 1 ގަ އެވެ. މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން ކޮވިޑް-19 ފެނުމުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން ފެށިގެން މައްޗަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ. އެ އުސޫލުން، މާލެ ސަރަހައްދުގައި ފުރަތަމަ ކިޔަވައިދޭން ފެށީ ނުވަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ. ރަށްރަށުގައި ގްރޭޑު 1-12 އަށެވެ.

އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާތީ މާލެ ސަރަހައްދުގެ ސްކޫލުތައް ދެ ހަފުތާއަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މި މަހުގެ 4 ވަނަ ދުވަހު މިނިސްޓްރީން ނިންމި އެވެ. ކުރިއެކޭ އެއްގޮތަށް ރަށްރަށުގެ ސްކޫލުތަކުގެ ކިޔަވައިދިނުން ކުރިއަށްދާނެ އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ. ދިރާސީ އާ އަހަރު ބަދަލުކުރުމަށް އާއްމުންގެ ހިޔާލަށް ވެސް މިނިސްޓްރީން މީގެ ކުރިން ހުޅުވާލި އެވެ.