މާސްކް ނާޅައިގެން 278 މީހަކު ޖޫރިމަނާކޮށްފި
މާސްކް ނާޅައިގެން 278 މީހަކު ޖޫރިމަނާކޮށްފި

މާސްކު ނާޅާ އާންމު ތަންތަނަށް ނުކުމެ އުޅުނު 278 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން، ކޮވިޑާ ގުޅިގެން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު މާސްކު އަޅަން ސަރުކާރުން މަޖުބޫރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ. މާސްކު ނާޅާ ނުކުމެ އުޅޭ ނަމަ 1،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވީ މާސްކު ނާޅާ ބޭރަށް ނުކުމެ އުޅުނު 278 މީހަކަށް މިހާތަނަށް ޖޫރިމަނާކޮށްފައި ވާ އިރު، އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 5:00 އާ ހަމައަށް އެއް ދުވަސް ތެރޭގައި 62 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"މަގުމަތީގައި މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުވެފައިވާ އިރު އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅެން ޖެހޭތީ މިހާރު ފުލުހުން މި ދަނީ މާސްކު އަޅަނީ ކިހިނެއްތޯ ބަލައި އެކަންތައް ތަންފީޒު ކުރަމުން،" ނަޒްލާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މާސްކު ނާޅާ ބޭރަށް ނުކުމެ އުޅުނު 1،356 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 137 މީހަކަށް ނަސޭހަތް ދީފައި ވެ އެވެ.

ބޭރަށް ނުކުމެ އުޅެން މަނާ ވަގުތުތަކުގައި ހުއްދައަކާ ނުލައި ބޭރުގައި އުޅޭ މީހުންނަށް ވެސް ފުލުހުން އަންނަނީ ނަސޭހަތް ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ބޭރުގައި އުޅެން މަނާ ވަގުތުތަކުގައި ވެސް، މާނައަކީ ރޭގަނޑު 10 އިން ފަތިހު ފަހަކާ ދޭތެރޭ ބޭރުގައި އުޅެގެން 157 ފަރާތަކަށް ނަސޭހަތްދީ 79 ފަރާތެއް ވަނީ ޖޫރިމަނާ ކުރެވިފައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ހަރުކަށި ފިޔަވަޅުތައް ލުއިދޭން ފެށުމުން ކޮވިޑް ފެތުރޭ ވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފަ އެވެ. އައިސީޔޫގައި އެޑްމިޓްކޮށްގެން މިވަގުތު ނުވަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ނަޒްލާ ރޭ ވިދާޅުވި އެވެ. މިހާތަނަށް 5،366 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު މަރުވެފައި ވަނީ މި މަސް ތެރޭގަ އެވެ.