13 އޯގަސްޓް 2020 - 11:29

ބެންގަލޫރު (އޮގަސްޓް 13) - ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ފޭސްބުކުގައި ކުރި ޕޯސްޓަކާ ގުޅިގެން ބެންގަލޫރުގައި މުޒާހަރާކުރި ބަޔަކާ ދެކޮޅަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ތިން މީހުން މަރުވެއްޖެ އެވެ.
ރަސޫލާ އަށް ފުރައްސާރަކޮށް ފޭސްބުކުގައި ޕޯސްޓްކޮށްފައި ވަނީ ސިޔާސީ މީހެއްގެ ތިމާގެ މީހެކެވެ. އިހްތިޖާޖަށް މީހުން އެއްވެފައި ވަނީ ސިޔާސީ ބޭފުޅާގެ ގޭދޮށަށެވެ. ހަމަނުޖެހުމުގައި ވަނީ ބައެއް ވެހިކަލްތައް އަންދާލައި ފުލުހުންނާ ދިމާލަށް ގާ އުކައިފަ އެވެ. ފުލުހުން ވަނީ އެ ޕޯސްޓް ކުރި މީހާ އާއި ހަމަނުޖެހުމުގެ ތެރޭން އިތުރު 110 މީހުން ހައްޔަރުކޮށްފަ އެވެ. އެ މީހާ ފަހުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.
ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ކަމާލް ޕާންޓު ވިދާޅުވީ ހަމަނުޖެހުމުގައި ފުލުހުންގެ ތެރޭން މަދުވެގެން 60 މީހުންނަށް އަނިޔާވި ކަމަށެވެ. އޭގެ ތެރޭގައި ސީނިއާ އޮފިސަރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ލައިވް ވަޒަން ބޭނުން ކުރަން ޖެހުނީ ކަރުނަ ގޭސް ބޭނުންކޮށްގެން ވެސް ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވުމުން ކަމަށެވެ.
ކަރްނާޓަކާ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މުސްލިމުން ކެތްތެރިވެ، ހަމަނުޖެހުން ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.