މަހީމާ ކުރި ތުހުމަތުން ގާއީ ހައިރާންވެފައި
މަހީމާ ކުރި ތުހުމަތުން ގާއީ ހައިރާންވެފައި

ޑައިރެކްޓަރު ސުބާޝް ގާއީއާ އެކު ހެދި އެގްރިމަންޓެއްގެ ނުފޫޒުގައި އެތައް ފިލްމެއް ގެއްލުނު ކަމަށާއި އެކަމަކާ ހުރެ ގާއީ ބުލީއާ ވެސް ކުރި ކަމަށް ބުނެ ބަތަލާ މަހީމާ ޗައުދަރީ ދެއްކި ވާހަކަތަކަށް ގާއީ ރައްދު ދީފި އެވެ.

މިހާރު ވަރަށް މަދުން ނޫނީ ފިލްމަކުން ނުފެންނަ މަހީމާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ 1997 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕަރުދޭސް" ގެ ޑައިރެކްޓަރުގެ ފަރާތުން ދުވަސްތަކެއް ވަންދެން ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ތެރެއިން ވެސް އޭނާ އަށް ވާގިދިނީ ދެތިން މީހަކު ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާއި ސަންޖޭ ދަތާއި ޑައިރެކްޓަރު ޑޭވިޑް ދަވަން ހިމެނޭ ކަމަށް ބުންޏެވެ.

މަހީމާ ބުނި ގޮތުގައި ގާއީއާ އެކު ހެދި އެގްރިމަންޓުން އޭނާ "ބަނދެލައި" ގާއީގެ ހުއްދަ ނެތި އެއްވެސް މީހެއްގެ ފިލްމަކަށް އެއްބަސްވެގެން ނުވާނެ ކަމަށް ބުނެ އިންޒާރު ވެސް ދިން ކަމަށެވެ. އަދި ފިލްމު ހަދާ ބައެއް މީހުންނަށް ވެސް ނުފޫޒު ފޯރުވައި، ފުރުސަތު ނުދޭން އަންގާފައިވާ ކަމަށް ވެސް މަހީމާ ބުންޏެވެ. އެގޮތުން އޭނާ ސޮއިކުރި ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ 1999 ގެ ފިލްމު "ސަތިއާ" ވެސް ގެއްލުނީ ގާއީގެ ނުފޫޒާ ހެދި ކަމަށް ބުންޏެވެ.

މަހީމާ ބުނީ އެ އޭނާ އަށް ފިލްމު ގެއްލުނުކަން އެނގުނީ ޝޫޓިން ފަށަން އެއް ދުވަހަށްވެފައި ވަނިކޮށް ބަތަލާ އުރްމިލާ މަޓޯންޑްކަރަށް ފިލްމު ދިނުމުން ކަމަށެވެ.

"އެކަހަލަ އެތައް ފުރުސަތެއް ސުބާޝް ގާއީގެ ބުލީ އާއި ނުފޫޒާ ހެދި އަހަންނަށް ގެއްލުނު،" ދިލް ކިޔާ ކަރޭ އާއި ދަޅްކަން ފަދަ ފިލްމުތައް ކުޅުނު މަހީމާ ބުންޏެވެ. "އެހެން ނޫން ނަމަ ސަތިއާވެގެންދާނީ އަހަރެންގެ ދެވަނަ ފިލްމަށް.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ހަންގާމާ އަށް ގާއީ ބުނީ މަހީމާ ދެއްކި ވާހަކަތަކުން ހައިރާންކަން ލިބިފައިވާ ކަމަށެވެ. ސަބަބަކީ ކުރިން ދެ މީހުންގެ މެދުގައި ކުދިކުދި ކުނިތަކެއް ޖެހިފައި ހުއްޓަސް، ފަހުން އެކަންކަން ހައްލުވެ އަލުން ދެ މީހުންގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް އޮންނާތީ އެވެ. އަދި "ޕަރުދޭސް" ގެ ފަހުން 2015 ގައި ގެނެސްދިން "ކާންޗީ" އަށް މަހީމާ ލަވައެއް ކުޅެދިނުމަކީ ވެސް މައްސަލަތައް ހައްލުވި ފަހުން އެކީގައި ކުރި މަސައްކަތެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ.

"މިހާރަކު އަހަރެމެން ދެ މީހުންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް. އަދި މަހީމާ އަކީ ވަރަށް އެކުވެރިއެއް ވެސް މެ. އަދި އަހަރެން ވަރަށް ލޯބިވާ އިހުތިރާމްކުރާ ބަތަލާއެއް. އެކަމަކު އޭނާ ދެއްކި ވާހަކަތަކުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު." ކަލްނަޔަކު އާއި ރާމް ލަކަން އާއި ތާލް ފަދަ އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ގާއި ބުނިގޮތުގައި އޭނާގެ ފިލްމު ކުންފުނި މުކްތާ އާޓްސްއާ އެކު މަހީމާ ހެދި އެގްރިމަންޓްގެ މައްސަލާގައި ފުރަތަމަ ކޮޅު މައްސަލަތަކެއް ޖެހި މަހީމާ އެކަމާ ދެކޮޅަށް އޭރު ވާހަކަ ދެއްކެމުން އެ ބާތިލު ވެސް ކުރި ކަމަށެވެ.

"އޭރު އަހަންނާ ބެހޭ ގޮތުން މަހީމާ ދެއްކި ވާހަހަތަކާ ގުޅިގެން ފަހުން މަހީމާ އާއި އޭނާގެ އާއިލާ އަހަރެންގެ ގާތަށް އައިސް މާފަށް އެދުނީމަ މާފު ވެސް ކޮށްފައި ވާނީ،" އޭނާ ބުންޏެވެ.

މަހީމާގެ ވާހަކަތަކަށް ރައްދުދެމުން ގާއީ ބުނީ އަނެއްކާ ވެސް ކުރީގެ ވާހަކަތަކެއް މަހީމާ ދެއްކީ އާންމުންގެ ސަމާލުކަން ހޯދަން ކަމަށް ވެދާނެ ކަމަށެވެ. އަދި ބައެއް މީހުންނަކީ ކުރީގެ ވާހަކަތައް ކޮނެކޮނެގެން ދައްކައި މީޑިއާގެ ސަމާލުކަން ހޯދަން އުޅޭ ބައެއް ކަމަށް ވެސް ބުންޏެވެ.

މަހީމާ ދާދި ފަހުން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ފިލްމު ކެރިއަރު ބޮޑު ހުއްޓުމެއް އައީ ދިމާވި ނުރައްކާތެރި އެކްސިޑެންޓަކާ ހެދި މޫނަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ކަމަށެވެ.