25 އޮކްޓޯބަރ 2016 - 11:07

ގުދުސް (އޮކްޓޯބަރު 25) - ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ދެން ކުރާނީ ފަހު ހަނގުރާމަ ކަމަށާއި އެ ހަނގުރާމައިގައި ހުރިހާ ކަމެއް ނިންމާލާނެ ކަމަށް އިޒްރޭލުގެ ހަރުކަށި ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ އަލް ގުދުސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލީބަމަން ވިދާޅުވީ ގަޒާއާ އެކު އިތުރު ހަނގުރާމައެއް ކުރުމަކީ އިޒްރޭލުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ލީބާމަން ވަނީ ގާޒާގައި ވެރިކަން ހިންގާ ހަމާސް ޖަމާއަތުގެ "މޮޔަ ސިޔާސަތުތައް" ހުއްޓާލުމަށް ޕްރެޝަރު ކުރުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ބަލާނަމަ އަވަށްޓެރި ގާޒާ ސްޓްރިޕް، ވެސްޓް ބޭންކް، ލުބުނާން ނުވަތަ ސީރިއާއާ އެކު އެއްވެސް ހަނގުރާމައެއް ކުރާކަށް ބޭނުމެއް ނުވޭ. އެކަމަކު އީރާނެކޭ އެއްގޮތަކަށް ގާޒާ އިން ބޭނުން ވަނީ އިޒްރޭލު އެކަހެރި ކުރަން. އެ މީހުން އިޒްރޭލާ ދެން ހަނގުރާމަ ކޮށްފި ނަމަ އެއީ އެ މީހުންގެ ނިމުން. އަދި ތަކުރާރުކޮށްލަން. އެއީ އެ މީހުންގެ ނިމުން. ދެން ކުރާ ހަނގުރާމައެއްގައި އިޒްރޭލުން ގާޒާ އެކުގައި ހަލާކުކޮށްލާނަން،" ގުދުސްގައި ހިންގާ ފަލަސްތީނުގެ އެންމެ މަޝްހޫރު ނޫހަށް ލީބަމަން ވިދާޅުވި އެވެ.
ލީބަމަން އަކީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި އެއް ވަޒީރެވެ. ނަތަންޔާހޫ ސަރުކާރުގެ ވަރަށް ގިނަ ވަޒީރުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ދެކޮޅު ހަދަ އެވެ.
ލީބަމަން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިޒްރޭލުގެ ގިނަ މީހުން ދެކޮޅު ހަދާ ކަމަށެވެ. އެހެންވެ ފުރަތަމަ ކަމަކަށް ހަދަން ޖެހޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުން ގެއްލުމެއް ނުލިބޭކަން އިޒްރޭލް މީހުންނަށް ވިސްނައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ލީބަމަން ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ވެސް ފާޑުވިދާޅުވެފަ އެވެ. ފަލަސްތީނުގެ ގިނަ މީހުން އައްބާސްއާ ދެކޮޅު ހަދާ ކަމަށާއި ދެން އިންތިޚާބެއް ބާއްވައިފި ނަމަ އުމުރުން 81 އަހަރުގެ އައްބާސް އަށް ނާކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.