ސާމްޕަލް ނުނެގޭ އެއްވެސް ރިސޯޓެއް ނޯންނާނެ: ޓޫރިޒަމް މިނިސްޓްރީ
ސާމްޕަލް ނުނެގޭ އެއްވެސް ރިސޯޓެއް ނޯންނާނެ: ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނުނެގޭނެ އެއްވެސް ރިސޯޓެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާ ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް އެކި ގޮތްގޮތުން ހަމަޖައްސާފައިވާނެ ކަމަށެވެ. އެ މިނިސްޓްރީން ބޭއްވި ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން މިހާތަނަށް 42 ރިސޯޓެއްގެ 60 މީހަކަށް ސާމްޕަލް ނަގާނެ ގޮތުގެ ތަމްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުމަކީ ފުރާ ޓޫރިސްޓުންގެ ސާމްޕަލް ނުނެގުމެއް ނޫނެވެ. ޓެސްޓްކޮށް ނަތީޖާ ލިބުމުގައި ލަސްވުމާއި އުފުލަން ޖެހޭ ތަކުލީފް ބޮޑުވުމެވެ. އެ މީހުން ޑިމާންޑްކުރަނީ އަވަހަށް ޓެސްޓްގެ ނަތީޖާ ލިބޭނެ ގޮތް ހެދުމަށް ރިސޯޓްތަކުގައި މެޝިން ބަހައްޓައިގެން ޓެސްޓް ކުރުމުގެ ފުރުސަތު ދިނުމަށެވެ. އޭރަށް، އައިޖީއެމްއެޗާއި އަމިއްލަ ތަންތަނުގައި ބޮޑު ބެކްލޮގެއް އޮވެ ޓެސްޓްތައް ލަސްވާ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް އެކުލަވާލި ގައިޑްލައިނުގައި ވެސް ކޮންމެ ޓޫރިސްޓު ފެސިލިޓިއެއްގައި ކޮވިޑް-19އާ ގުޅިގެން ތަމްރީންވެފައިވާ ހެލްތު ވޯކަރެއް ނުވަތަ ޑޮކްޓަރެއް ހުރުން މުހިންމު ކަމަށް ބުނެފަ އެވެ. މި ތަމްރީން ގިނަ އަދަދެއްގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ދީފައިވާއިރު ކުރިއަށް އޮތްތާނގައި ކޮންމެ ރިސޯޓެއް ވެސް ހުޅުވުމުގެ ހުއްދަ ދޭނީ ތަމްރީން ހެދުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ތަމްރީން ޕްރޮގްރާމުގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ހަމަ ވަކިން ކޮންމެ ރިސޯޓެއްގެ ވެސް ހުންނަ ޑޮކްޓަރަށް ނުވަތަ ހެލްތު މީހަކަށް ތަމްރީން ދީފައި. އަލުން ހުޅުވާ ރިސޯޓުތަކަށް ވެސް ހުއްދަ ދޭނީ މި ތަމްރީން ދިނުމަށްފަހު. މިހާރު ތަމްރީން ނުދި ހުރި މީހަކު ނެތް ރިސޯޓުތައް ވަރަށް މަދުވާނެ." ރައްޒާން ވިދާޅުވި އެވެ.

ރައްޒާން ވިދާޅުވި ގޮތުގައި ތަމްރީން ނުދެވި ބައެއް ރިސޯޓުތައް ހުރި ނަމަވެސް އެ ރިސޯޓުތަކުން ވެސް ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ އެވެ. އެގޮތުން، ކައިރި ރަށްތަކުގެ ހޮސްޕިޓަލްތަކާ ގުޅިގެން ސާމްޕަލް ނަގައި ލެބޯޓްރީއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ މެދުވެރިކޮށް ޓެސްޓު ކިޓުތައް ރިސޯޓްތަކަށް ވެސް ލިބެން ހުންނާނެ އެވެ. އަދި އައިޖީއެމްއެޗް ފަދަ ފެސިލިޓިތަކުގައި ޓެސްޓު ކުރާއިރު ޓޫރިސްޓުންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ވެސް ރައްޒާން ވިދާޅުވި އެވެ.

ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ހަރަދު ބަލަހައްޓަން ޖެހޭނީ އެ ޓޫރިސްޓަކު ހުންނަ ފެސިލިޓީއަކުން ނުވަތަ ޓޫރިސްޓު އަމިއްލަ އަށެވެ.