12 އޯގަސްޓް 2020 - 15:50

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިވަގުތު ދަތުރުފަތުރު ކުރުން ރައްކާތެރި ގައުމުތަކަށް ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕަށް ރާއްޖެ ވެސް ޝަރުތު ހަމަވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިހެން ބުނީ ސްރީ ލަންކާ އަށް މި ސްޓޭމްޕް ލިބުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމާ ގުޅިގެން ސުވާލު ކުރުމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން "މިހާރު" އަށް ވިދާޅުވީ އެ ސްޓޭމްޕަށް ރާއްޖެ ޝަރުތު ހަމަވިނަމަވެސް ސްޓޭމްޕް ނުލިބެނީ ރާއްޖެއަކީ އެ ޖަމިއްޔާގެ މެމްބަރު ގައުމަކަށް ނުވާތީ ކަމަށެވެ.
ނަމަވެސް އެ ސްޓޭމްޕަކީ މިވަގުތު ދަތުރުފަތުރު ކުރާ ޓޫރިސްޓުން ގަބޫލު ކުރާ ސްޓޭމްޕަކަށް ވުމުން ސްޓޭމްޕު ހޯދުމަށް ޑަބްލިއުޓީޓީސީގެ މެމްބަރަކަށް ވާން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓްރީ އާއި އިންޑަސްޓްރީގެ ބޭފުޅުންނާ ގުޅިގެން މަޝްވަރާ ކުރަމުން މިދަނީ މިއީ ރާއްޖެއަށް މުހިންމު ސްޓޭމްޕެއްތޯ. މުހިންމުނަމަ މެމްބަރަކަށް ވާން ހުށަހަޅާނެ. މެމްބަރަކަށް ވުމުން ވަގުތުން އެ ސްޓޭމްޕް ލިބޭނެކަން ޔަގީން،" ރައްޒާން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ބުނާ ގޮތުގައި ރާއްޖެއަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ނުލިބޭނީ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ އެވެ. އަދި މި ސްޓޭމްޕް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ވެސް ސޯޝަލް މީޑިއާގައި މީހުން ދަނީ ބުނަމުންނެވެ.
ޑަބްލިއުޓީޓީސީން ދޭ މި ސްޓޭމްޕުގެ ސަބަބުން އެކި ގައުމުތަކަށް މިވަގުތު ދަތުރުފަތުރު ކުރާ ޓޫރިސްޓުންނަށް ރައްކާތެރި ގައުމުތައް ދެނެގަނެވޭނެ އެވެ. މި ސްޓޭމްޕް އެ ޖަމިއްޔާއިން ދެނީ ގައުމުތަކުގެ ސަރުކާރުންނާއި ޓޫރިޒަމް ފެސިލިޓީތަކުން ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމަށްފަހު އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގައިޑްލައިނެއް އެކުލަވާލައިފަ އެވެ. މި ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ޓޫރިސްޓުންގެ ތެރެއިން ކޮވިޑް-19އަށް ޓެސްޓު ކުރާނީ އަލާމާތްތައް ފެންނަ ޓޫރިސްޓުން އެކަންޏެވެ. އަދި ޓޫރިސްޓު ފެސިލިޓީތަކުގައި ކޮވިޑް ރިލީފް ޓީމެއް ތަމްރީން ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިނުގައި ވަނީ ބުނެފަ އެވެ.